ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހދ. ހޮނޑައިދޫން ހައްޔަރު ކުރުމުން އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމާލާފައި ވަނީ ޖާބިރުގެ ދިފާއީ ވަކީލުންނާއި ދައުލަތަށް ވެސް އެ މައްސަލައިގައި ބޭނުންވާ ވަރަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް ފަހު އެވެ.

ޖާބިރުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ ޖާބިރުގެ އަތުން އެެއްވެސް އެއްޗެއް ނުފެންނަ ކަމަށް ފުލުހުން ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ފޯމުން ވެސް އެނގޭ ކަމަށެވެ. އަދި ޖާބިރު ހައްޔަރު ކުރަން ބޭނުންވަނީ ހެކީންނަށް ނުފޫޒު ފޯރުވަފާނެތީ ކަމަށް ދައުލަތުން ބުނާ އިރު ޖާބިރު ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފައި ވަނީ އޭނާ ދޫކޮށްލިތާ އެތަކެއް ދުވަސް ފާއިތުވި ފަހުން ކަމަށް ވެސް އޭނާގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.

ޖާބިރުގެ ގާނޫނީ ޓީމުން ބުނީ ހޮނޑައިދޫ އަކީ ޖާބިރަށް ދޫކޮށްފައިވާ ރަށެއް ނޫން ކަމަށާއި އެއީ ޔޮޓު ޓުއާސް މޯލްޑިވްސް އަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. އަދި ޔޮޓް ޓުއާސް އަކީ ހަމައެކަނި ޖާބިރުގެ އެކަނި ހިއްސާ އޮންނަ ކުންފުންޏެއް ނޫން ކަމަށް ވެސް އޭނާގެ ގާނޫނީ ޓީމުން މިއަދު ވަނީ ބުނެފަ އެވެ.

ދައުލަތުގެ ވަކީލާ އާއިޝަތު ހަނާ ވަހީދު ވިދާޅުވީ ޖާބިރު ހޮނޑައިދޫން ހައްޔަރު ކުރީ އިތުރު ބަޔަކާ އެކު މޭޒެއްގެ ކައިރީ ތިއްބައި ކަމަށާއި އެވަގުތު އެ މޭޒުމަތީގައި ބަނގުރާ ފުޅިތަކެއް ވެސް ހުރި ކަމަށެވެ. އަދި ބަނގުރާ އަޅާފައި ހުރި ތައްޓެއް ވެސް ޖާބިރުގެ އަތުން ފެނުނު އިރު އެވަގުތު ޖާބިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ހެކިބަސް ދޭނެ ހެކީން އެބަތިބި ކަމަށް ވެސް ދައުލަތުގެ ވަކީލާ ހަނާ ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖާބިރުގެ ގާނޫނީ ޓީމުން ބުނީ ބަނގުރާ ބޮއެގެން ހުރިތަން ފެނުނުކަމަށް ބަޔަކު ބުނި ނަމަވެސް އެއީ އެކަން ސާބިތު ކޮށްދެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ސާބިތުކޮށްދެވޭނީ ބްރެތް އެނަލިސިސް ރިޕޯޓެއް ހަދައިގެން ކަމަށެވެ. އަދި ޖާބިރުގެ އެފަދަ ރިޕޯޓެއް ފުލުހުން ހަދާފައި ނުވާ ކަމަށް ވެސް އޭނާގެ ގާނޫނީ ޓީމުން ބުންޏެވެ.

ދައުލަތުގެ ވަކީލާ ހަނާ ވިދާޅުވީ ޖާބިރު މަސްތުގެހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން އޭނާގެ ކުޑަކަމުދާ އެއްޗިހި ދިނުމަށް ފުލުހުން އެދުމުން އޭނާ އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

ޖާބިރު ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކުޅުދުއްފުށީ ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ އިރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރުގެ މައްސަލައިގެ އަޑުއެހުންތައް ވެސް މިއަދު ވަނީ ނިންމާލާފަ އެވެ.