25 Nov 2012, 16:45
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި ޢައްބާސް އާދިލް ރިޒާ އައްޔަން ކުރައްވައިފި އެވެ.
އައްބާސް އެ މަގާމަށް ހަމަޖެއްސުމާ އެކު ސްޕޯކްސްޕާސަންގެ މަސައްކަތްތައް މިހާރު ހަވާލު ކުރައްވާފައިވަނީ ރައީސް އޮފީހުގެ، ޕޮލިޓިކަލް އެޑްވައިޒާ އަހުމަދު ތައުފީޤާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ. ނަމަވެސް އެ ބަދަލު ރައީސް ގެންނެވީ ކޮން ސަބަބަކާއި ހުރެ ކަމެއް ހާމަކޮށްފައެއްނުވެ އެވެ.
އައްބާސްގެ މަގާމު ބަދަލުކުރީއިރު ޖީއެމްއާރާއި ދެކޮޅަށް އިއްތިހާދުން ކުރި މުޒާހަރާތަކުގެ ތެރޭގައި އައްބާސް ވާހަކަ ދައްކަވަމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަރަށް ފާޑު ވިދާޅުވުމުން އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެ ވާހަކަތަކުން ސަރުކާރުން ބަރީއަވީއިރު އިންޑިއާ ސަރުކާރުން ބުނެފައިވަނީ އެ ވާހަކަތަކާ މެދު ހިތާމަ ކުރާ ކަމަށެވެ.
ސްޓޭޓް މިނިސްޓަރަކަށް އައްބާސް ހަމަޖެއްސި އިރު ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ދާދިފުން ވަކިކުރި މުހަންމަދު ލަތީފަށް ވަނީ ފިނޭންސް މިނިސްޓަރުގެ ނާއިބުކަން ދެއްވައިފަ އެވެ.