25 Nov 2012, 16:27
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ހުޅުވާލައި އެކަން އިއުލާންކޮށްފި އެވެ.
ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި ހުޅުވާލީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމް ހުސްވެފައި ވާތީ އެވެ.
ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލީ ގާނޫނު އަސާސީގެ 187 މާއްދާ އާއި އަދި އިސްލާހު ކުރި ސިވިލް ސާވިސްގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުންނެވެ.
ސީއެސްސީގެ ގާނޫނުގެ 13 ވަނަ މާއްދާގެ ށ.ގައި ބަޔާންކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ނުވަތަ މެންބަރެއް އައްޔަން ކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އާންމުކޮށް އިއުލާންކޮށް އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީން ދިރާސާ ކުރައްވައި ކޮމެޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ އެވެ. އަދި ހަމަ އެ މާއްދާގެ ނ. ގައި ބުނެފައި ވަނީ އެ މާއްދާގެ ށ.ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރެއް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރީއްޔާ އައްޔަން ކުރަންވާނެ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާ މީހެއްގެގައި ހުންނަން ޖެހޭ ސިފަތަކަކީ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި މުސްލިމަކު ކަމުގައި ވުމާއި ބުއްދި ސަލާމަތުން ހުރުމާއި އުމުރުން 30 އަހަރު ވެފައި ވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީޢަތައް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި އަދި ޖިނާޢީ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޝަރީޢަތައް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުން ނެރެފާއިވާ އިއުލާނުގައި ބެނެފައި ވަނީ ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ މި މަހު 28 ފެށިގެން ހަތެއް ޑިސެމްބަރުގެ ނިޔަލަށެވެ.