21 Sep 2010, 07:58
މާލެއިން މުދާ ބަރުކޮށްގެން ދިޔަތަނާ ހދ. ކުޅުދުއްފުށީ ފަޅުތެރެއަށް އަޑިއަށްދިޔަ "ބަހާދަރު" ބޯޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވެއްޖެ އެވެ.
ހަތް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދައިފައިވާ ބަހާދަރު ބޯޓުން ގެންދިޔަ މުދަލުގެ 10 ޕަސެންޓް ވެސް ސަލާމަތް ނުކުރެވޭނެ ކަމަށް ބޯޓު ބަލަހައްޓަމުންދާ މިތުރު ކުންފުނީގެ ވެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވި އެވެ. ޒުހެއިރު ވިދާޅުވީ ބޯޓު އަޑިއަށް ދިޔައީ ކަނޑިންމައިން ވަންނަނިކޮށް ރާޅާ އަޅައިގެން ކޮންޓްރޯލް ނުކުރެވޮގެން ގޮސް އެއްފަރާތުގެ ފައިކަށީގައި ޖެހިގެން ކަމަށް. އަދި އެ ވަގުތު އަވަހަށް ބެލީ ބޯޓު ބާރު ސްޕީޑްގައި ފަޅާ ގާތްކޮށް މީހުން ބޭލޭތޯ ކަމަށް ޒުހެއިރު ވިދާޅުވި.
ޒުހެއިރު ވިދާޅުވީ 225 މީހުންގެ ޖާގައިގެ އެ ބޯޓު މުދާ ބަރުކޮށްގެން 101 މީހުން ގޮވައިގެން މިއަދު ގޮސް ވަންނަނިކޮށް ނެރުގެ ފައިކަށްޓެއްގައި ޖެހި ހިނގި މިއީ އެންމެ ބޮޑު ހާދިސާ ކަމަށާއި އަދި ނެރުގެ މައްސަލަ އަކީ ތަކުރާރުކޮށް ދިމާވަމުންދާ މައްސަލައެއް ކަމަށެވެ.
ޒުހެއިރު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ފަޅު ބޭނުންކުރަން ފެށި ފަހުން ވެސް 10 ވަރަކަށް ބޯޓު ވަނީ ނެރަށް އަރައިފަ އެވެ.
ޒުހެއިރު ވިދާޅުވީ ސިމެންތި އާއި ހިލަ އާއި ކޮމިޕިއުޓަރާއި ގޭހުގެ އިތުރުން ކާޑު ބަރުކޮށްގެންދިޔަ އެ ބޯޓުގެ 70 ޕަސެންޓް މުދަލަކީ އޭނާގެ މުދާ ކަމަށާއި އަދި އަނެއް 30 ޕަސެންޓް މުދަލަކީ އާއްމުންގެ މުދާ ކަމަށެވެ.
2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ގައި ދުއްވަން ފެށި އެ ބޯޓު މީގެ ކުރިން ވެސް ވަނީ ރޭގަނޑެއްގައި ފަޅަށް ވަންނަނިކޮށް ކުޅުދުއްފުށީ އުތުރު ފަރާތުގެ ފައިކަށިން ބީހިފައި ކަމަށް ޒުހެއިރު ވިދާޅުވި އެވެ.
އުތުރުގައި ދުއްވާ އެންމެ ބޮޑު އެއްބޯޓު އަޑިއަށްދިޔައީ މާލެއިން މުދާ ހިފައިގެން ކުޅުދުއްފުށީ ނެރުން ވަންނަނިކޮށް، ނެރުމައްޗަށް އަރައި މިއަދު ހެނދުނު 7.15 ހާއިރު އެވެ. އަދި ބޯޓަށް ދިޔައަރަން ފެށުމާ ގުޅިގެން ސިފައިންނާއި އެރަށުގައި ތިބި ފުލުހުންނާއި ރަށުގެ ރައްޔިތުން ބޯޓުގައި ހުރި މުދާތައް ބާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ބޯޓު ނެރުމައްޗަށް އަރައި އަޑިއަށްދިޔުމާ ގުޅިގެން އޭގައި ހުރި ބައެއް މުދާތައް ހަލާކުވެފައިވާ ކަމަށާއި އަދި ކުޅުދުއްފުއްޓަށް ވެސް ވާރޭ ވެހެމުންދާތީ ބާލަމުންދާ ބައެއް މުދާތައް ވެސް ހަލާކުވަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ބޯޓަށް ދިޔައަރަން ފެށުމުން ކެރޭނެއް ބޭނުންކޮށްގެން ބޯޓްގެ ބައެއް ވަނީ ފެނުން މައްޗަށް ހިއްލާފައި ކަމަށާއި، ތިން ޕަންޕު ބޭނުންކޮށްގެން މިހާރު ވެސް ބޯޓްގައި ހުރި ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ގާތްގަނޑަކަށް މަތީ ޑެކާ ހަމައަށް ދިޔަގަނޑު އަރާފައިވާ އެބޯޓް މިހާރު އޮތީ ކުޅުދުއްފުށީ ބަނދަރުގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އަޑިއަށްދިޔަ "ބަހާދުރު" ބޯޓުގެ އަޑިން ގާތްގަނޑަކަށް ހަތަރު އިންޗީގެ ފަސް ބާގަނޑެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ފަޅައިގެންގޮސްފައިވާ ތަންތަނުގައި ފިލާޖެހުމުގެ މަސައްކަތް ސިފައިން މިހާރުދަނީ ކުރަމުންނެވެ.