ޕްރެމިއާ ލީގުގައި ރޭ ކިއުޕީއާރު އަތުން 3-1 އިން މޮޅުވި މެޗުގައި މެންޗެސްޓާ އަށް އެ ޓީމުގެ އަސްލު ފެންވަރުގައި ކުޅެވުނީ އެންމެ 10 ނޫނީ 15 މިނިޓްގައި ކަމަށް ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.

މި މެޗުގައި ކިއުޕީއާރުގެ މެކީ 52 ވަނަ މިނިޓްގައި ގޯލު ޖަހާފައިވަނިކޮށް މެންޗެސްޓާ ގޯލުތައް ޖެހީ އެންމެ އަށް މިނިޓް ތެރޭގަ އެވެ. އެއީ 64 މިނިޓްގައި ޖޯންއީވަންސް އާއި 68 ވަނަ މިނިޓްގައި ޑަރެން ފްލެޗާ އަދި 72 ވަނަ މިނިޓްގައި ހާވިއާ ހަނާންޑޭޒް އެވެ.

ފާގަސަން ބުނީ ވެންޕާސީ އަށް ލަނޑު ނުޖެހެނީ އެހެން ޓީމުތަކުން މާބޮޑަށް އޭނާ ވަށާލައިގެން ތިބެތީ ކަމަށެވެ. އަދި މިނަތީޖާއާއެކު 13 މެޗުން 30 ޕޮއިންޓާއެކު އެއްވަނަ ލިބުމުން އުފާކުރާ ކަމަށެވެ. މިއާއެކު އޭނާ ބުނީ ތައްޓަށް ވާދަ ކުރާ އަނެއް ދެ ޓީމު ކަމަށް ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޗެލްސީ މިރޭ ބައްދަލުކުރާ މެޗުން ޗެލްސީ މޮޅުވާން އެދޭ ކަމަށެވެ.

އަދި ލިވަޕޫލްގެ ކުރީގެ ކޯޗު ރަފޭލް ބެނީޓޭޒަށް ޗެލްސީއާ ހަވާލުވެވުނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށާއި އޭނާ އަކީ ނަސީބުގަދަ މީހެއް ކަމަށެވެ. ސަބަބަކީ އެއްވެސް ކަމެއް ނުކޮށް ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ދެ ވަނަ ފަހަރަށް ލިބިފައިވުމުން ކަމަށެވެ.