އެއާޕޯޓްގެ މައްސަލައިގައި ސަރުކާރުން ފިޔަވަޅު އަޅަން ނިންމާފައިވާކަން ބޭރުގެ ޑިޕްލޮމެޓުންނާއި ސަރުކާރުން ހިއްސާކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޓެލެކޮންފަރެންސެއްގެ ޒަރިއްޔާ އިން އެ މައުލޫމާތުތައް ބޭރުގެ ޑިޕްލޮމެޓުންނާއި ހިއްސާ ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިދިޔަ އަންގާރަ ދުވަހު ބޭއްވި ޓެލެކޮންފަރެންސެއްގައި ކަމަށެވެ.

"ކޮންޓްރެކްޓްގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވާކަމަށް ވިދާޅުވެ އެ މައުލޫމާތުތައް އެ ބޭފުޅުންނާއި ހިއްސާ ކުރައްވައި ސަރުކާރުން މިހާރު ފިޔަވަޅެއް އަޅުއްވަން ނިންމެވި ވާހަކަ ވިދާޅުވި،" އޮފިޝަލް ވިދާޅުވި އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އައްބާސްއާ ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ޓެލެކޮންފަރެންސެއް ބެއްވި ކަމަށާއި އެ ބައްދަލުވުމުގައި ޑިޕްލޮމެޓިކް ކަންކަމާ ގުޅޭ ގޮތުން އެކި ގައުމު ތަކުގެ ޑިޕްލޮމެޓުންނާއި މަޝްވަރާކުރެއްވި ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ޖީއެމްއާރު ކޮންޓްރެކްޓްގެ ވާހަކަ ވެސް އެބޭފުޅުންނާ ހިއްސާ ކުރެއްވި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ.

"އަޅުގަނޑުމެން އެބޭފުޅުންނަށް ދެންނެވިން ޖީއެމްއާރުގެ ކޮންޓްރެކްޓްގެ ސަބަބުން ގެއްލުންވާ ވާހަކަ. އެވާހަކަ ވެސް ދެކެވުނު. މިހާރު ހިނގާ އެކި ކަންކަމާ ގުޅޭ ވާހަކަތައް ދެކެވުނީ،" އައްބާސް ވިދާޅުވި އެވެ.

މިދިޔަ ހަފްތާ އިން ފެށިގެން ސޯޝަލް ނެޓްވޯކުގައި އެކި ފަރާތްތަކުން ގެންދަނީ ޖީއެމްއާރު ކޮންޓްރެކްޓާ މެދު ފިޔަވަޅު އަޅަން އުޅޭ ކަމުގެ ވާހަކަތައް ފަތުރަމުންނެވެ. އެގޮތުން މި މަހުގެ 30ގައި އެ ކޮންޓްރެކްޓް ބާތިލު ކުރަން ސަރުކާރުން ނިންމާފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ޖީއެމްއާރު ބޭރުކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން މިދިޔަ ބުރާސްފަތި ދުވަހު ރައީސްއާ ބައްދަލުކުރުމަށް ފަހު ބުނެފައި ވަނީ "ރައްޔިތުން އެނދޭގޮތަށް ޖީއެމްއާރުގެ މައްސަލަ ސަރުކާރުން ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ" ކަމަށެވެ.