25 Nov 2012, 15:33
އިނގިރޭސި ވިލާތުގެ ޗެލްސީއާ ހަވާލުވާނަމަ މަގާމުން ވަކިނުކުރާނެ ކަމުގެ ޔަގީންކަމެއް ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ ބޭނުންވާ ކަމަށް އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއަކު ބުނެފި އެވެ.
ސްޕޭނަށް އުފަން ގާޑިއޯލާ އަކީ ޗެލްސީގެ ކޯޗަކަށް ގެނައުމަށް ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް އެންމެ ބޭނުންވާ ކޯޗެކެވެ. ބާސެލޯނާ އަށް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު އެ މަގާމު ދޫކޮށް ގާޑިއޯލާ މިހާރު ހުރީ އެމެރިކާގައި ޗުއްޓީއެއްގަ އެވެ. އަދި އަވަސް އަރުވާލައިގެން ޓީމަކާ ހަވާލުވާން އޭނާ ބޭނުމެއްނުވެ އެވެ.
އަންނަ އަހަރު ޗެލްސީގެ ކޯޗުކަމާ ހަވާލުވާން ގާޑިއޯލާ ބިރުގަންނަ ސަބަބަކީ ނުހަނު އަވަހަށް މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރު އޮތުން ކަމަށް އޭނާގެ ރަހުމަތްތެރިއަކު ވަނީ މީޑިޔާތަކަށް މައުލޫމާތުދީފަ އެވެ. މިހެންވެ އަބްރޮމޮވިޗްގެ ކިބައިން މަގާމުން ވަކިނުކޮށް ޓީމެއް ބިލްޑުކުރާނެހާ ވަގުތުދޭނެ ކަމުގެ ޔަގީންކަމަކަށް ގާޑިއޯލާ އެދިފައިވާ ކަމަށް ވެސް އެ ރަހުމަތްތެރިޔާ ވަނީ ނޫސްތަކަށް ކިޔައިދީފަ އެވެ.
ޗެލްސީއާ އަބްރޮމޮވިޗް ހަވާލުވިތާ އަށް އަހަރުވިއިރު އޭނާ ވަނީ އަހަރަކަށް ކޯޗެއްގެ މަގުން މަގާމުން ވަކިކޮށްފަ އެވެ. މިހެންވެ ތަޖުރިބާކާރު ގިން ކޯޗުން ވަނީ ޗެލްސީއާ ހަވާލުނުވުމަށް އެކި ގޮތްގޮތުން އެހެން ކޯޗުންނަށް ގޮވާލަން ފަށައިފަ އެވެ. އަބްރޮމޮވިޗްގެ ވަރިކަމުގައި ޗެލްސީގައި އަހަރަކަށްވުރެ ގިނަ ދުވަހު ހުރެވުނީ އެންމެ ދެ ކޯޗުންނަށެވެ. އެއީ ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ކާލޯ އެންޗެލޮއްޓީ އެވެ.