ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެޕްޝަލް އެޑްވައިޒަރުކަން ކުރެއްވި، އިބްރާހިމް ހުސައިން ޒަކީ ދޮގު ވާހަކަ ދައްކާފައިވާ ކަމަށް ބުނެ، ކުރީގެ ސަރުކާރުން ޒަކީ އަށް އަރުވާފައިވާ، "ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިކަން" (ނޢޣވ) ލަގަބު ޒަކީގެ އަތުން ނެގުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް ގޮވާލައިފި އެވެ.

ޖީއެމްއާރާ ދެކޮޅަށް ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން "އެއާޕޯޓް ސައްލާ"ގެ ނަމުގައި އިއްޔެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ޖީއެމްއާރު ބޭރުކޮށްލަން މަސައްކަތް ކުރަމުން ގެންދަނީ ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ފަރާތްތަކުން ކަމަށް ޒަކީ ވިދާޅުވި ނަމަވެސް އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އިމްރާން އަދި ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި ދޮގު ވާހަކަ ފަތުރައި ރާއްޖޭގެ ނަން ކިލަނބުކުރަން ޒަކީ މަސައްކަތް ކުރަނީ ޖީއެމްއާރުން އޭނާ ނަގާފައިވާ ފައިސާތަކުގެ ސަބަބުން ކަމަށެވެ.

ޒަކީ ވަނީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެފައި ކަމަށާއި ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ޒަކީ ދައްކާފައިވަތީ އެފަދަ ބޭފުޅަކަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރިކަމުގެ ޝަރަފު އަރުވާފައި ބެހެއްޓުމަކީ ގައުމަށް ވެވޭ ހިޔާނާތެއް ކަމަށް އިމްރާން ވިދާޅުވި އެވެ. އިމްރާން ވަނީ ވީހާ ވެސް އަވަހަށް ޒަކީގެ ކިބައިން ނިޝާން އިއްޒުއްދީނުގެ އިއްޒަތް ނަގަން ސަރުކާރަށް ގޮވާލައިފަ އެވެ.

ޖީއެމްއާރާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތުގައި ވާހަކަ ދައްކަވަމުން އިމްރާން އަދި ވިދާޅުވީ އެއާޕޯޓް ހިންގުން ޖީއެމްއާރުން އަތުލައިފި ނަމަ އެކަމާ އެންމެ ބޮޑަށް ދެރަފުޅުވާނެ ބޭފުޅަކީ ވެސް ޒަކީ ކަމަށެވެ. އަދި ޖީއެމްއާރު ރާއްޖެ އިން ބޭރުކޮށްލުން ކާމިޔާބުވެއްޖެ ނަމަ ޒަކީ ވެސް ބޭރުކޮށްލެވުނީ ކަމަށް އިމްރާނު ވިދާޅުވި އެވެ.

ޖީއެމްއާރާ ދެކޮޅަށް ރާއްޖޭގައި ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން އިންޑިއާގެ ބައެއް ނޫސްތަކަށް ދެއްވި އިންޓަވިއުގައި ޒަކީ ވިދާޅުވެފައި ވަނީ އެމްޑީޕީން ވެރިކަމުގައި އޮތް ނަމަ ޖީއެމްއާރުގެ ހިމާޔަތުގައި "އިންޑިއާގެ ސިފައިން" ރާއްޖޭގައި ބައިތިއްބީސް ކަމަށެވެ.

ޒަކީގެ އެ ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

ޖީއެމްއާރުން ޒަކީ ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތުކޮށް އިމްރާން ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން ޒަކީ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.