25 Nov 2012, 14:28
މ. މުލީ ރީޖަނަލް ހޮސްޕިޓަލްގައި ހުރި ހޭނައްތާ ޑޮކްޓަރު ކުޑަހުވަދު އަށް ބަދަލުކުރާތީ އެ ރަށުގެ ބަޔަކު ހިތްހަމަނުޖެހިގެން މުޒާހަރާ ކުރަމުން އެބަދެ އެވެ.
މުލީ ކައުންސިލުްގެ ރައީސް މޫސާ ނަސީރު މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުލީ ހޮސްޕިޓަލްގައި ހުރި ހޭނައްތާ ޑޮކްޓަރު އެހެން ރަށަކަށް ބަދަލު ކުރާތީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހޮސްޕިޓާ ކައިރީގައި އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމަށާއި އެމީހުންގެ ކަންބޮޑުވުމަކީ އެ ރަށު ހޮސްޕިޓަލްގެ ހާލަތު މިވަގުތު ހުރި ގޮތުން އެ ރަށުގައި ހުރި ހަމައެކަނި ހޭނައްތާ ޑޮކްޓަރު ބަދަލުކޮށްފި ނަމަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެތީ ކަމަށެވެ.
"އާއްމު ބަލިތަކާ ބެހޭ އެންމެ ޑޮކްޓަރަކު މިހާރު ހުރީ، މިވަގުތު ހޮސްޕިޓަލްގައި ގައިނީއަކު ނެތް. ކުޑަކުދިންގެ ޑޮކްޓަރަކު ނެތް. މިހެން އޮއްވައި ހޭނައްތާ ޑޮކްޓަރު ގެންގޮސްފިއްޔާ ހޮސްޕިޓަލްގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އަޅުގަނޑުމެން އޮންނާނީ މިނިސްޓްރީގައި ވެސް ދަންނަވާފައި،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދުވަސްވަރަކީ ހިތާނު ކުރާ ދުވަސްވަރު ކަމަށްވާތީ ހޭނައްތާ ޑޮކްޓަރެއް ނެތިއްޖެ ނަމަ އިތުރު ތަކުލީފުތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ރައްޔިތުން ދެކޭ ކަމަށެވެ.
އެ ރަށުގައި މުޒާހަރާ ކުރަމުން ގެންދާ މީހުން ބުނި ގޮތުގައި އެ މީހުން ބޭނުން ވަނީ ހޭނައްތާ ޑޮކްޓަރު އެހެން ރަށަކަށް ނުގެންގޮސް، އެ ރަށުގައި ބަހައްޓަން ކަމަށާއި އޭގެ އިތުރުން އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ވެސް އެހޮސްޕިޓަލަށް ގެނެސްދިނުމަށް މުޒާހަރާގެ ބައިވެރިން އެދެމުންދާ ކަމަށް ވެސް އެމީހާ ބުންޏެވެ.
ހެލްތު ކޯޕަރޭޝަންތަކުގެ ސިއްހީ ކަންތައްތަކާ މިވަގުތު ހަވާލުވެ ހުންނެވި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝާކިރު މިއަދު ވިދާޅުވީ އެ ވަގުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް އަބަދު ވެސް މިނިސްޓްރީ އިން ގެންނަމުންދާ ކަމަށާއި މުލީގެ ޑޮކްޓަރު ދ. ކުޑަހުވަދުއަށް ބަދަލުކުރަނީ ކުޑަހުވަދޫގައި މިވަގުތު ހޭނައްތާ ޑޮކްޓަރަކު ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވީ މުލީ ހޮސްޕިޓަލްގައި މިވަގުތު (ސްޕެޝަލިސްޓަކު) ހާއްސަ ޑޮކްޓަރަކު ނެތުމުން އެތަނުގައި ޖެނެރަލް ޑޮކްޓަރަކު ކުރަން ޖެހޭ ކަންތައް ނޫނީ ކުރަން ނުޖެހޭނެ ކަމަށެވެ.
"ހޭނަތްތާ ޑޮކްޓަރު މިވަގުތު މުހިންމީ މުއްޔަށް ވުރެ ކުޑަހުވަދޫއަށް. ސާޖަންއެއް ނެތި ހޭނައްތާ ޑޮކްޓަރަށް ކުރެވޭނެ ކަމެއް ނޯންނާނެ. ޖެނެރަލް ޑޮކްޓަރަކަށް ކުރެވޭ ކަންތައްތައް ފިޔަވައި، މުއްޔަށް ވެސް އއ. ރަސްދޫގައި ހުރި އާއްމު ބަލިތަކާ ބެހޭ ޑޮކްޓަރަކު ގެނެސް ހޭނައްތާ ޑޮކްޓަރަކު މިބަދަލުކުރަނީ. ތިނަދޫގައި ހުރި ޑޮކްޓަރަކު ހަތަރު ފަހަރެއްގެ މަތިން ވަނީ ޕޯސްޓްޕޯންކޮށްފައި. އެހެންވެ އެތަނަށް މިގެންދިޔައީ ކުޑަހުވަދޫގައި ހުރި ހޭނައްތާ ޑޮކްޓަރު. ދެން ކުޑަ ހުވަދުއަށް މިގެންދަނީ މުލީގެ ޑޮކްޓަރު، އެއީ މުއްޔަށް ވުރެ މިވަގުތަށް އެ ޑޮކްޓަރު މުހިންމީ ކުޑަހުވަދޫއަށް ކަމުގައިޥާތީ،" ޝާކިރު ވިދާޅުވި އެވެ.