25 Nov 2012, 14:05
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށް އަންނަ އަހަރުގެ ތެރޭގައި 21.5 މިލިއަން ޑޮލަރު (331 މިލިއަން ރުފިޔާ) ހަރަދު ކުރަން ނިންމާފައިވާ ކަމަށް އެކޮނަމިކް މިނިސްޓަރު އަހުމަދު މުހަންމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް އެކޮނޮމިކް މިނިސްޓްރީ އިން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު މިއަދު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އަންނަ އަހަރުގެ ތެރޭގައި ދެ މަޝްރޫއެއް ހިންގުމަށް ރޭވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޭޑީބީ އާއި އައޑީބީގެ ލޯނު އެހީގައި 20 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި ސާކް ޑިވަލޮޕްމަންޓް ފަންޑްގެ ދަށުން އެ ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް ޖުމްލަ 1.8 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި މަޝްރޫއުގެ ދަށުން ވިޔަފާރި ކުރި އެރުވުމުގެ މަރުކަޒުތަކުގެ ރޯލް ފުޅާކޮށް ތަރައްގީކޮށް ކްރިޑިޓް ގެރެންޓީ ސްކީމް ތައާރަފްކޮށް ލޯނު ސްކީމްތައް ހުޅުވާލުމާއި ޓްރޭޑް ފެސިލިޓޭޝަން ސެންޓަރުތައް ގާއިމްކޮށް ވިޔަފާރީގެ ހުނަރާއި ތަޖުރިބާ އިތުރުކުރާ މަރުކަޒުތައް ގާއިމް ކުރުން މި ޕްރޮޖެކްތަކުގެ ތެރޭގައި ހިމެނޭ،" އަހުމަދު މުހަންމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ފަސް މިލިއަން ޑޮލަރުގެ ލުއި ލޯނު ދޫކުރެވިފައިވާ ކަމަށާއި ލޯނު ދޫކުރެވިފައި ވަނީ އަތް ތެރި މަސައްކަތުގެ ދާއިރާ އާއި ގެސްޓްހައުސް ތަރައްގީ ކުރުމުގެ ދާއިރާ އާއި މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ ދާއިރާ އަށް ކަމަށެވެ. އެގޮތުން އަތްތެރި މަސައްކަތުގެ ދާއިރާ އިން 21 ފަރާތަކަށް 6.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު ގެސްޓް ހައުސްތަރައްގީ ކުރަން17 ފަރާތަކަށް 11 މިލިއަން ރުފިޔާ އާއި މަސްވެރިކަމުގެ 19 ފަރާތަކަށް 10.8 މިލިއަން ރުފިޔާ އަދި ދަނޑުވެރިކަމުގެ 195 ފަރާތަކަށް 18.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި އެހެނިހެން ދާއިރާތަކުގެ 32 ފަރާތަކަށް 15.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ލޯނުތައް ދޫކުރުމާ އެކު އެ ލޯނުތަކުގެ ބޭނުން ކުރެވޭ ގޮސްވެސް އެ މިނިސްޓްރީން މޮނީޓާ ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް ހެދިފައިވާ ސާވޭތަކަށް ބަލާއިރު ވެސް ގިނަ ލޯނުތައް ރަނގަޅު ގޮތުގައި އިންވެސްޓްކޮށް އޭގެން ރަނގަޅު ނަފާއެއް ހޯދަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާތަނަށް ޕްލިމިނަލަރީ ސްޓަޑީއެއް ހެދިފައި އޮތީ. އޭގެން ދައްކާ ގޮތުން ވަރަށް ރަނގަޅަށް މި ލޯނުތައް ވެސް ބޭނުން ކުރެވިފައި ހުރީ. ލޯނުތައް ބޭނުން ކުރެވެމުން ދަނީ ރަނގަޅު ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ކުވައިތު ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުގައި އަދި ބާކީ ފައިސާ ހުރުމުން ދަނޑުވެރިންނަށް އަމާޒުކޮށްގެން މިއަހަރުގެ މިއޮތް ދުވަސްތަކުގައި ވެސް 7 މިލިއަން ރުފިޔާގެ ލޯނު ފުރުސަތެއް ހުޅުވާލަން ގަސްތުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.