އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ ހުރިހާ ވައްތަރެއްގެ އަނިޔާއި ބޭއިންސާފު ކަންތައްތައް ހުއްޓުވުމަށް ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުން ވެފައިވާ ވައުދުތައް ފުއްދުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން ގޮވާލައްވައިފި އެވެ.

ވައުދުތައް ފުއްދުމަށް ބާން ގޮވާލެއްވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާ ގުޅިގެން އާއްމުކުރެއްވި މެސެޖްގަ އެވެ.

"ދުނިޔޭގެ ހުރިހާ ހިސާބެއްގައި، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެންމެހާ ބާވަތްތަކުގެ އަނިޔާ ހުއްޓުވުމަށް ގައުމުތަކުގެ ސަރުކާރުތަކުން ވެފައިވާ ވައުދުތައް ފުއްދުމަށް އަޅުގަނޑު ގޮވާލަމެވެ. އަދި މި މުހިއްމު ލަނޑުދަނޑި ހާސިލްކުރުމަށް އެންމެން އެއްބާރުލުމަށް ގޮވާލަމެވެ." ބާންކީމޫންގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

ތަޅައި އަނިޔާކުރުމާއި ރޭޕްކުރުމާއި ގުނަވަންތައް ކެނޑުމާއި ގަތުލުކުރުން ފަދަ ކަންތައްތައް ކޮންމެ އަހަރަކު އެތައް މިލިޔަން އަންހެނުންނަކަށް ކުރިމަތިވާކަން ބާންގެ މެސެޖްގައި ފާހަގަކުރައްވާފައިވެ އެވެ. ވިދާޅުވެފައި ވަނީ ހަނގުރާމައިގެ މައިދާނުން ފެށިގެން ގެއާއި ސްކޫލާއި ވަޒީފާ އަދާކުރާ ތަންތަނުގައި ވެސް އަންހެނުންނަށާއި އަންހެން ކުދިންނަށް އަނިޔާ ލިބޭ ކަމަށެވެ.

"އަންހެނުންގެ ތެރެއިން 70 ޕަސެންޓް މީހުންނަށް އެމީހުންގެ ހަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ތަޖުރިބާކުރޭ،" މެސެޖްގައިވެ އެވެ.

އަންހެނުންނާއި އަންހެން ކުދިންގެ ތެރެއިން އަނިޔާ ލިބޭ ގިނަ ފަރާތްތަކަށް އެވާހަކަ ދައްކަން ނުކެރޭކަމަށާއި އެ ބިރުވެރިކަން ފިލުވާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އިސްނަންގަވައިގެން ފައްޓަވާފައިވާ "ޔުނައިޓް ޓު އިންޑް ވަޔަލެންސް އެގެއިންސްޓް ވޮމެން ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެގޮތުން ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ސިވިލް ސޮސައިޓީތަކާއި ފަރުދުން ވެސް އެކަމުގައި ބައިވެރިވެފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ކެމްޕޭނުގެ ދަށުން ގާއިމްކޮށްފައިވާ "ޔޫއެން ޓްރަސްޓް ފަންޑް ޓް އިންޑް ވަޔަލެންސް އެގެއިންސްޓް ވޮމެން" އިން 18 ގައުމެއްގައި ހިންގާ ހަރަކާތްތަކަށް އަށް މިލިޔަން ޑޮލަރު ހަރަދުކުރަން ނިންމާފައިވާ ކަން ބާންގެ މެސެޖްގައި ވަނީ އިއުލާންކުރައްވާފައިވެ އެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން 1981 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އައި އެ ދުވަސް އދ. އިން ބަލައިގަނެ ރަސްމީކޮށް ފާހަގަކުރަން ފެށީ 1999 ވަނަ އަހަރު އެވެ. އެ އަހަރުގެ ޑިސެމްބަރު މަހު ފާސްކުރި 54/134 ގަރާރުން އެދުވަސް ފާހަގަ ކުރުމަށް ނިންމައިގެންނެވެ.