މެލޭޝިޔާގެ ނެކްސް ބިޒާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 2.5 ބިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް ސަރުކާރަށް އެންގުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގައި ކަންބޮޑުވާން ޖެހޭ ބޮޑެތި މައްސަލަތަކެއް ހިމެނޭތީ އެ ޕްރޮޖެކްޓް ހުއްޓާލަން ސަރުކާރަށް އެންގުމަށް ކޮމެޓީގެ މެންބަރުން ނިންމާފައިވާ ކަމަށާއި އެ ރިޕޯޓް މާދަމާގެ ވަގުތެއްގައި މަޖިލީހުގެ ރައީސް އަށް ފޮނުވާނެ ކަމަށެވެ. ކޮމެޓީން އެގޮތަށް ނިންމި ނަމަވެސް އެ ޕްރޮޖެކްޓް ހުއްޓާލަން ސަރުކާރަށް އެންގޭނީ އެ ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ކަންބޮޑުވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް މުޅި އެ ޕްރޮޖެކްޓްގައި ވެސް އެބަހުރި. ކޮމެޓީގެ މެންބަރުންގެ ވިސްނުން ހުރީ އެފަދަ ބޮޑެތި މައްސަލަތަކެއް ހުރި ނަމަ އެ ޕްރޮޖެކްޓް ހުއްޓާލަން އެންގުމަށް. އެގޮތަށް ކޮމެޓީގެ ރިޕޯޓް ވެސް މި ބަލަނީ މާދަމާގެ ވަގުތެއްގައި ފޮނުވޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލައިގައި ބޭއްވި މާލިއްޔަތު ކޮމެޓީ ފުރަތަމަ ބޭއްވުނީ ހުޅުވާލައިގެންނެވެ. ހުޅުވާލައިގެން ބޭއްވުނު ސެޝަންގައި ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އެ މައްސަލައިގައި ބަންޑާރަ ނައިބުގެ ލަފަޔާއި ފިނޭންސް މިނިސްޓަރުގެ ލަފާ އަދި އިމިގްރޭޝަނުން ފޮނުވި ސިޓީތައް ވެސް ކޮމެޓީ އަށް އިއްވައިފަ އެވެ.

ބަންޑާރަ ނައިބުގެ ސިޓީގައި ވިދާޅުވެފައި ވަނީ އެ ޕްރޮޖެކްޓްގެ އެގްރިމަންޓްގައި ސޮއިކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެކަން ނުކުރުމަށް އަންގާފައި ވަނިކޮށް ކަމަށާއި އެހެންކަމުން އެ އެގްރިމަންޓްގެ ސައްހަ ކަމާމެދު ވެސް ސުވާލުއުފެދޭ ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ޕްރޮޖެކްޓްގެ އެގްރިމަންޓް އެ މިނިސްޓްރީގައި ވެސް ނެތް ކަމަށާއި އެ ޕްރޮޖެކްޓާ ގުޅޭ މައުލޫމާތުތައް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އިމިގްރޭޝަނުން ފޮނުވި ސިޓީގައިވާ ގޮތުން އެ ކޮންޓްރެކްޓް ކުރެވުނީ ވިޔަފާރި ފައިދާގެ ޓެކްސް ތައާރަފް ވުމުގެ ކުރިން ކަމަށްވާތީ އެ ޓެކްސް މާފުކޮށް ދިނުމަށް އެ ކުންފުނިން އެދިފައިވާކަން ވެސް އެނގެން އޮވެ އެވެ.

ނެކްސް ބިޒާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 22 އަހަރު ވަންދެން ރާއްޖެ އިން ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން ދެ ޑޮލަރު އަދި ހަދާ ކޮންމެ ވިސާ ކާޑަކަށް 15 ޑޮލަރު އެ ކުންފުނިން ޗާޖް ކުރާނެ އެވެ. އޭސީސީން ވެސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓް ހުއްޓުވި އެވެ.