ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި ރޯގާއެއް ކަމަށްވާ ސާސްރޯގާ ޖައްސާ ކޮރޯނާ ވައިރަސް އާއިލާގެ، އެންމެ ފަހުން ފެނުނު ވައްތަރާ މެދު ސަމާލުވެ ބަލަމުން ދިއުމަށް ދުނިޔޭގެ ސިއްހަތުޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ގޮވާލައިފި އެވެ.

ޑަބްލިއުއެޗްއޯ އިން ގޮވާލާފައި ވަނީ ވަކި ސަބަބެއް ނޭނގި ނިއުމޯނިއާ ޖެހިއްޖެ ނަމަ، އެ މީހަކީ ސައުދީ އަރަބިއްޔާ އަށް ނުވަތަ ގަތަރަށް ދަތުރުކޮށްފައިވާ ނުވަތަ އެއިން ގައުމަކާ އެއްވެސް ގުޅުމެއް އޮތް މީހަކަށް ނުވިޔަސް ކްރޯނާވައިރަސް ޖެހިފައި ހުރިތޯ ބެލުމަށެވެ. އަދި ދުނިޔޭގެ ކޮންމެ ގައުމެއްގައި ނަމަވެސް ސިއްހީދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ނޭވާލާ ނިޒާމަށް ވަރުގަދަ އިންފެކްޝަނެއް ޖެހިއްޖެ ނަމަ ބެލުމަށެވެ.

ދުނިޔޭގެ ގައުމުތަކުގައި މިހާތަނަށް ކޮރޯނާ ވައިރަސް އަށް ޓެސްޓް ކުރަމުން ގޮސްފައި ވަނީ އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ސައުދީއަރަބިއްޔާ އާއި ގަތަރަށް ދަތުރުކޮށްފައިވާ މީހުންނަށް ރޯގާއެއް ޖެހުމުންނެވެ. ޑަބްލިއުއެޗްއޯ އިން ވެސް ކުރިން އިރުޝާދުދީފައި ވަނީ އެގޮތަށެވެ.

ކޮރޯނާ ވައިރަސްއާ މެދު ޑަބްލިއުއެޗްއޯ އިން ދެމުން އައި އިރުޝާދު ބަދަލުކުރި ނަމަވެސް އެއީ ކީއްވެކަން ބުނެފައެއް ނުވެ އެވެ.
ކޮރޯނާ ވައިރަސް އަކީ 2003 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުގައި ފެތުރުނު ސާސްރޯގާގެ ވައިރަސް ނިސްބަތްވާ އާއިލާގެ ވައިރަސްއެކެވެ. މި ވައިރަސް މިފަހަރު ފެނުނީ ސައުދީ އަރަބިއްޔާ އާއި ގަތަރުންނެވެ.