އިންތިގާލީ ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނިޑޔާރުންގެ ތެރެއިން، ދާއިމީ ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ހޮވިވަޑައި ނުގެންނެވި ދެ ފަނޑިޔާރުންގެ ތެރެއިން އައްޝައިހު ޔޫސުފު ހުސައިން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމަވައިފި އެވެ.


ޖޭއެސްސީ އިން ބުނީ ޝައިހު ޔޫސުފު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވައި ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވައި ކުރުން މިއަދު  2:30 ގައި އެ ކޮމިޝަނުގައި  ބާއްވާނެ ކަމަށެވެ.


ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން ހައިކޯޓުގައި ތިއްބަވާނީ 11 ފަނޑިޔާރުންނެވެ. މިވަގުތު އެ ކޯޓުގައި ތިއްބެވީ ތިން ފަނޑިޔާރެކެވެ .


 ފަނޑިޔާރުންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ)ގައި ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ހ)ގައި ބަޔާން ވެގެންވާ ސުޕްރީމްކޯޓް ގާއިމުކޮށް އެ ކޯޓަށް އުއްތަމަ ފަނޑިޔާރާއި އެހެނިހެން ފަނޑިޔާރުން އައްޔަން ވުމުން ގާނޫނު އަސާސީގެ 282 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސުޕްރީމް ކޯޓް ނިމުމަކަށް އައިސް އެ ކޯޓުގެ ފަނޑިޔާރުންގެ މުއްދަތު ނިމުމަކަށް އަންނާނެ ކަމަށް ބުނެ އެވެ.


ހަމަ އެއާ އެކު އެ މާއްދާގެ (ނ)ގައި ބުނަނީ އެ މާއްދާގެ (ށ)ގައިވާ އުސޫލަށް ނިސްބަތްވާ ފަނޑިޔާރުންނަށް އެހެން ކޯޓެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ޖުޑީޝަލްސާވިސް ކޮމިޝަނުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ. އަދި އެމީހުންގެ ފަނޑިޔާރުކަމުގެ ވަޒީފާ ނިމުމަކަށް އަންނާނީ އެގޮތަށް ދެވޭ ފުރުސަތުގައި އެހެން ކޯޓެއްގައި މަސައްކަތް ކުރުމަށް ދެވޭ ފުރުސަތުގެ ބޭނުން ނުހިފި ނަމަ ކަމަށެވެ. އެހެންކަމުން އިންތިގާލީ ސުޕްރީމް ކޯޓުން ވަކިވި ދެ ފަނޑިޔާރުންނަށް ވެސް ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތުމުގެ ފުރުސަތު ލިބެ އެވެ.


ޝައިހު ޔޫސުފު ހުސައިންގެ އިތުރުން ސުޕްރީމް ކޯޓުން ވަކިވެވަޑައިގެންނެވި އަނެއް ފަނޑިޔާރަކީ އަލްއުސްތާޒު މުޖުތާޒު  ފަހުމީ އެވެ.


ޝައިހު ޔޫސުފު ހުސައިން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވެވި އިރު މުސާރަ އާއި އެލަވަންސަށް 35950 ރުފިޔާ ކަނޑައަޅައި ހައި ކޯޓަށް ހަތަރު ފަނޑިޔާރަކު ހޯދުމަށް ޖޭއެސްސީ ވަނީ އިއުލާނުކޮށްފި އެވެ.


ހައި ކޯޓަށް ލައްވަން އިއުލާނުކޮށްފައިވާ ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 11100 ރުފިޔާ އެވެ. ލިވިންސް އެލަވަންސްގެ ގޮތުގައި 13،000ރ. އާއި  ހާއްސަ އެލެވަންސްގެ ގޮތުގައި މުސާރައިގެ 40 ޕަސެންޓަށްވާ 4،440 ރުފިޔާ އެވެ. އަދި ޓްރާންސްޕޯޓް އެލަވަންސަށް 1،860 ރުފިޔާ ލިބޭނެ ކަމަށް ވެސް ޖޭއެސްސީގެ އިއުލާނުގައިވެ އެވެ. އިއުލާނުކޮށްފައިވާ ފަނޑިޔާރުންނަށް މުސާރަ އާއި އެލަވަންސްތަކާ އެކު ޖުމްލަ 35950 ރުފިޔާ ލިބެ އެވެ.