25 Nov 2012, 12:53
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) ބާތިލު ކުރުމަށް ދައުލަތުން ހުށަހެޅި ނުކުތާ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމައިފި އެވެ.
ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިފަ އެވެ.
ހާމިދު ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ކުޅުދުއްފުށީ ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމެވީ މެންބަރުން ހައްޔަރު ނުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ)ގައި ބުނާ ވާހަކަޔަކީ ކުޅުދުއްފުށީ ކޯޓުގައި ފުލުހުންގެ ފަރާތުން ނަގާފައިވާ ނުކުތާ އަކަށް ނުވާތީ އެ ނުކުތާ ބަލައިނުގަތުމަށެވެ. ނަމަވެސް ހާމިދު ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކަނޑައެޅި އިރު އެ މާއްދާ އަށް ކުޅުދުއްފުށީ ކޯޓުން ރިއާޔަތް ކޮށްފައި ވާތީ މައްސަލަ ނިންމާ އިރު އެކަމަށް ގޮތެއް ނިންމާނެ ކަމަށް ވެސް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު ބުންޏެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހާމިދުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ފުލުހުން ހޮނޑައިދޫ އަށް ދިޔުމުން ބަނގުރާ އަޅާފައި ހުރިކަމަށް ބެލެވޭ ތައްޓެއް ހާމިދު އެއްލާލި ކަމަށް ދައުލަތުން ބުނާ ވާހަކަތަކަށް ހާމިދު އިންކާރު ކުރާ ކަމަށެވެ. އަދި ހޮނޑައިދޫ އަށް ފުލުހުން ގޮސް ހާމިދަށް އަނިޔާކުރި ކަމަށާއި އެދުވަހު އެރަށުން ނަގާފައިވާ ވީޑިއޯ ފްޓޭޖެއް ފުލުހުން ދައްކާފައި ވާނީ ހާމިދު ބޭޒާރުކޮށްލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހާމިދު ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ކުޅުދުއްފުށީ ކޯޓުން ނެރުނު އަމުރުގައި ބުނަނީ އެގޮތަށް އަމުރު ކުރަންޖެހުނީ ހުރިހާ ހެއްކެއް ހުރީ ފުލުހުންގެ އަތުގައި ކަމަށްވާތީ ހާމިދަށް ހެއްކަށް ނުފޫޒު ފޯރުވިދާނެ ކަމަށް ނުފެންނާތީ ކަމަށެވެ.
ދައުލަތުގެ ވަކީލާ އާއިޝަތު ހަނާ ވަހީދު ވިދާޅުވީ ހޮނޑައިދޫން ފުލުހުން ހައްޔަރު ކުރި 21 މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެ މައްސަލައިގައި ހެކިބަސް ދޭނެ ބަޔަކަށް ވެސް ވެދާނެ ކަމަށެވެ. އެހެންކަމުން ހެކި ހުރީ ހަމައެކަނި ފުލުހުންގެ އަތުގައި ނޫން ކަމަށް ވެސް ހަނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނގުރާ އަޅާފައި ހުރި ކަމަށް ބެލެވޭ ޖޯޑެެއް ހާމިދުގެ އަތުގައި އޮއްވާ ފެނިގެން، އެ ޖޯޑު ދިނުމަށް ފުލުހުން އެދުމުން ހާމިދު އެ ޖޯޑުގައި ހުރި އެއްޗިހި ބިންމައްޗަށް ވަރާލާފައިވާ ކަމަށެވެ. އަދި ހާމިދާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު ދޫކޮށްލާފައިވާ އިރު އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ކުރެވޭ ތުހުމަތު ކުރެވިފާއިވާ ހއ. އަލިދޫ ރިސޯޓުގެ މެނޭޖަރު ޖާދުﷲ ޖަމީލުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވެސް ހަނާ ވިދާޅުވި އެވެ.
ފަނޑިޔާރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުލުހުން ބުނީ ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންނާއި ހާމިދުގެ ބަޔާން ވެސް މިހާރު ނެގިފައިވާ ކަމަށެވެ. އަދި ހޮނޑައިދޫ އަކީ ބަނގުރާ ގެންގުޅުމުގެ ހުއްދަ ދެވިފައިވާ ރަށަކަށް ނުވާތީ އެރަށަށް ބަނގުރާ ފުޅިތައް ގެންދިޔަގޮތް ބެލުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ހާމިދުގެ ވަކީލާއި ދައުލަތުގެ ވަކީލަށް ވެސް ބޭނުންވާ ވަރަށް ވާހަކަދެއްކުމަށް ފުރުސަތު ދިނުމަށް ފަހު ހައިކޯޓުގެ ފަނޑިޔަރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުލްޣަނީ މުހައްމަދު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިއްމަވާލެއްވީ ކަމަށް އިއުލާން ކުރައްވާފަ އެވެ.