ބަންގްލަދޭޝްގެ ގާމެންޓް ފެކްޓްރީއެއްގައި އަލިފާންރޯވެ 100 މީހުން މަރުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ނިކޮލަސް ހޭގާ ހަވާލާދީ އެ އެޖެންސީން ބުނީ ޑާކާގެ އަޝޫލިއާ ސިނާއީ ސަރަހައްދުގައި ހުރި ނުވަ ފަންގިފިލާ ހިމެނޭ ފެކްޓްރީގެ އެންމެ ތިރީ ބައިގާ ރޯވީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އަދި ބުނީ އެއަލިފާންގަނޑު ވަރަށް އަވަހަށް ފެތުރުނުކަމަށާއި އަލިފާންގަނޑު ނިއްވާލުމަށް ގާތްގަނޑަކަށް ފަސް ގަޑިއިރު ހޭދަވި ކަމަށެވެ.

އިމާރާތުގެ އެންމެ ތިރީގައި އަލިފާން ރޯވުމުން އެއަލިފާނުން ސަލާމަތްވުމަށް ފެކްޓްރީގެ ގިނަ މުވައްޒަފުން ދިޔައީމަތީ ފަންގިފިލާތަކަށް ކަމަށާއި އެހެންވެ އިމާރާތުގައި އެ މީހުން ތާށިވީ ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުން ބުންޏެވެ. އަލިފާންރޯވީ ކަރަންޓް ޝޯޓްވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެ އެވެ.

ބަންގްލަދޭޝްގެ ފެކްޓްރީތަކުގައި 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހިނގި އަލިފާނުގެ މިފަދަ ހާދިސާތަކުގައި 600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ގައުމުގައި 4500 ގާމެންޓް ފެކްޓްރީ ހުރި އިރު އެތަންތަނުން ގާމެންޓް ތައްޔާރުކުރަނީ ޓެސްކޯ، ވޯލްމާޓް ، ޖޭސީ ޕެނީ އެޗް އެންޑް އެމް، މާކްސް އެންޑްސް ސްޕެންސާ ފަދަ ބްރޭންޑްތަކަށެވެ. އެގައުމުގެ އެކްސްޕޯޓްގެ 80 ޕަސެންޓަކީ ރެޑީމޭޑްގާމެންޓްސް އެވެ.