25 Nov 2012, 12:02
ނޮވެމްބަރ 23 ވަނަ ދުވަހުގެ ރޭ އާރޓިފިޝަލް ބީޗުގައި ޖީއެމްއާރާއި ދެކޮޅަށް ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ އިންތިގާލީ ނައިބު ލީޑަރ އުމަރު ނަސީރު ވިދާޅުވީ ހަމަ ތެދެކެވެ. މި ދިވެހި ޤައުމުގެ ފަހުގެ ތާރީހުގައި މި ޤައުމަށް އެންމެ ބޮޑަށް ޣައްދާރު ވީ މީހުންގެ ތެރޭގައި އިބްރާހީމް ހުސެއިން ޒަކީ ވެސް ހިމެނޭނެއެވެ.
މައުމޫނުގެ ޒައާމަތުގަ އާއި ނަޝީދުގެ ވެރިކަމުގައި ވެސް ޒަކީ ވަނީ މިނިސްޓަރުކަން ފެންވަރުގެ ޝަރަފްވެރި މަޤާމުތައް އަދާ ކުރައްވާފައެވެ. ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުން ނަޝީދުގެ ވެރިކަމުގައި އިބްރާހީމް ހުސެއިން ޒަކީ އަށް ނިޝާނުލް ޢިއްޒައްދީން އިއްޒަތްތެރި ވެރިޔާގެ ލަޤަބް ވަނީ އަރުވާފައެވެ.
މިފަދަ ބޭފުޅަކު ބޭރު ޤައުމަކަށް ވަޑައިގެން ދިވެހި ޤައުމަށް ބިދޭސީ ސިފައިން އަރައިގަތުމަށް ދައުވަތު ދެއްވުމަށް ވުރެ ބޮޑު ޣައްދާރު ކަމެއް އެބައޮތް ތޯއެވެ؟ މި ނޮވެމްބަރު މަހު އަވަށްޓެރި އިންޑިޔާއަށް ވަޑައިގެން އެ ޤައުމުގެ އިސް ވެރިންނާއި ބައްދަލު ކުރެއްވުމަށްފަހު އިންޑިޔާގެ ނޫސްވެރިންނާއި ބައްދަލު ކުރައްވައި ޒަކީ ވިދާޅުވެފައި ވަނީ ހުޅުލޭ އެއާރޕޯޓް ހިންގާ ޖީއެމްއާރު ގެ އިންވެސްޓްމަންޓް ހިމާޔަތް ކުރުމަށް އިންޑިޔާ ސިފައިން ރާއްޖެއަށް އަރައިގަނެ، ހުޅުލޭ އެއަރޕޯޓް ހިފުމަށް ދައުވަތު ދެއްވައި، މި ބީދައިން ވާހަކަ ދައްކަވާފައެވެ. އަދި ބޭރުގެ ފަރާތްތަކަށް މައުލޫމާތު އޮޅުވާލައްވައި، ޖީއެމްއާރާއި ދެކޮޅު އެންމެހާ ދިވެހިންނަކީ ލަޝްކަރޭ ތައިބާ ނަމަކަށް ކިޔާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކަށް ތާއީދު ކުރާ ބައެއް ކަމަށްވެސް ޒަކީ ވިދާޅުވެފައި ވެއެވެ. އަދި މިފަދަ ބަޔަކަށް ދިވެހި ޤައުމުގެ ބާރުތައް ލިބިއްޖެނަމަ އިންޑިޔާގެ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށާއި އެއިރުން ރާއްޖޭގައި އޮންނާނީ ލަޝްކަރޭ ތައިބާގެ ވެރިކަމެއް ކަމުގައިވެސް އިންޑިޔާގެ ނޫސްވެރިން ގާތު ޒަކީ ވިދާޅުވި ކަމަށްވެ އެވެ.
އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނެވެ. އެހެންކަމުން އިބާރާތްތައް ޕޮލިޝް ނުކޮށް، ސީދާ ޕޮއިންޓަށް ބުނަން އަޅުގަނޑަށް ކެރޭނެއެވެ. ޒަކީގެ މި ނުރައްކާތެރި ވާހަކަ ތަކަކީ އިންޑިޔާ ސަރުކާރުގެ ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން ރާއްޖެ އަޅުވެތި ކުރުމުގެ ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން ކުރުވާ ކަމަކަށް ވެދާނެ އެވެ.
ނަޝީދުގެ ވެރިކަމުގައި ޒަކީއަށް އަރުވާފައިވާ ނިޝާނުލް ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަޤަބް ޒަކީގެ ކިބައިން ނެގުމަށް އަދާލަތު ޕާރޓީގެ ފަރާތުން ދިވެހި ސަރުކާރަށް މިހާރު ވަނީ ގޮވާލައްވާފައެވެ. މިގޮވައިލުން އެހެން ޕާރޓީ ތަކުންވެސް ތަކުރާރު ކުރުމަށް އަޅުގަނޑު އެދެމެވެ. ޤައުމަށް ޣައްދާރުވާ މީހުންނަށް ޤައުމުގެ ޝަރަފްވެރި ކަމުގެ ލަގަބާއި މެޑަލް ޖަހައިގެން ރާއްޖޭން ބޭރަށް ގޮސް ޤައުމު ވިއްކާލުމުގެ ފުރުސަތު ދެވިގެން ނުވާނެއެވެ.
ޒަކީގެ މި ހައިރާން ކުރުވަނިވި ބަސްތަކަކީ ބަޣާވާތެކެވެ. މީގެ ސަބަބުން ޒަކީ އަށް ލަގަބެއް ލިބޭނަމަ އެލަގަބަކީ ބާޣީގެ ލަގަބު ކަމަށް އަޅުގަނޑު ދެކެމެވެ. އެއީ އެއްޑީޕީ މީހުންގެ ދުލަށް އެންމެ ފަސޭހަ، އެމީހުން އެންމެ ލޯބިވާ ލަގަބެވެ.
ޒަކީގެ މިބަޣާވާތުގެ ބަސްތައް ދިވެހި ރާއްޖޭގެ ދިފާއީ ވުޒާރާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. ނަމަވެސް މިވަރަކުން ނުފުދެއެވެ. ޒަކީ އަށް އަރުވާފައިވާ ނިޝާނުލް ޢިއްޒައްދީން ޢިއްޒަތްތެރި ވެރިޔާގެ ލަގަބު އޭނާގެ ކިބައިން ނެގުމަށްފަހު ބަޣާވާތް ކުރުމުގެ ދައުވާ އާއި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް ހިންގުމުގެ ދައުވާ ޒަކީގެ މައްޗަށް އުފުލަން ޖެހެއެވެ.
އިންޑިޔާގެ އެހީގައި ރާއްޖޭގައި ކިތަންމެ ހޮސްޕިޓަލެއް އެޅިއަސް އަދި ދިފާއީ ގޮތުން އިންޑިޔާއިން ރާއްޖެއަށް ކިތަންމެ އެހީއެއް ވިއަސް އަޅުގަނޑު ދެކޭ ގޮތުގައި އިންޑިޔާއަކީ އަބަދުވެސް ވަގު ބުޅާ މަސްގަނޑަށް ވައްކަޅިން ބަލާގޮތަށް ރާއްޖެއަށް ބަލަބަލާ އޮންނަ ޤައުމެކެވެ.
ޒަކީމެން ފަދަ ޣައްދާރުންނާއި ޖީއެމްއާރު ފަދަ ކަރަޕްޓް ކުންފުނިތައް ބޭނުން ކޮށްގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ނަގާލައި، އިންޑިޔާގެ އަޅުވެތި ކަމުގެ ދަށަށް ދިވެހި ރާއްޖެ ގެނައުމަށް މި ކުރެވޭ މަސައްކަތް މިވަގުތަށް ކާމިޔާބު ނުވިއަސް އެކަމުގެ އަޑިގައި ފިލާތިބި ފަރާތްތައް މިކަން ހުއްޓައެއް ނުލާނެއެވެ. އެއެއްޗެއް ހަލާކުވާން ފުޅަ އަޅާނީ އެއެއްޗެއްގެ އެތެރެއިންނެވެ. އެހެން ކަމުން ދިވެހި ޤައުމުގެ މިނިވަންކަމާ ތޮޅެން އަބަދުވެސް ބޭނުން ކުރެވެނީ ޣައްދާރު މަދު ދިވެހިން ކޮޅެކެވެ.
ނޮވެމްބަރ 3 ގެ ހާދިސާ ވެސް ހަމަ އެފަދައެވެ. މިއީވެސް ހަމަ އެފަދަ ހާދިސާއެކެވެ.
ޒަކީމެން ވެރިކަމުގައި ތިއްބެވިނަމަ ޖީއެމްއާރު ހިމާޔަތް ކުރަން އިންޑިޔާ ސިފައިން ގެންނާނެ ކަން ޔަޤީނެވެ. ހަމަ އެފަދައިން މުޅި ދިވެހި ޤައުމު އިންޑިޔާގެ ކުންފުނި ތަކަށް ވިއްކާލައި، އެހުރިހާ ކުންފުނިތައް ހިމާޔަތް ކުރުމުގެ ނަމުގައި މުޅި ދިވެހި ޤައުމުގެ ފަސްގަނޑު އިންޑިޔާ ސިފައިންނަށް ހިތަކަށް ދޭނެއެވެ. މި މުސީބާތުން ދިވެހި ޤައުމު އަދިވެސް މުޅިން ސަލާމަތް ވީ ކަމަކަށް ނުބެލެއެވެ. ނުރައްކާ އަދިވެސް އެބަ އޮތްކަން ދެނެ ތިބެގެން ކުރިއަށް ދިއުން ވަރަށް މުހިއްމެވެ.