ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އަލީ ފުށީ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅައި ދިނުމަށް އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ވައްދައިފި އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ، ޖުމްހޫރީ ޕާޓީގެ ލީގަލް އެންޑް ޕޮލިސީ ކޮމެޓީގެ މެންބަރު ނ. ވެލިދޫ، އެލްޕާސޯ، މުހަންމަދު ހަލީމް އަލީ އެވެ.

ހަލީމް މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ.ގެ އެއް ވަނަ ނަމްބަރާއި ހަވާލާދީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން މެދު ހެންވޭރު ދާއިރާ އާއި އަލިފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަޑައެޅި ދިނުމަށް ކަމަށެވެ.

"އެ ބޭފުޅުންގެ ސާބިތު ދަރަންޏެއް އޮވެ، ފައިސާ ނުދައްކާ ކަން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުން އެނގޭ. އެކަން ސާބިތުވޭ، އެހެންވެ އަޅުގަނޑު އެ މައްސަލަ މިއަދު ހެނދުނު ވައްދައިފިން ސުޕްރީމް ކޯޓަށް. ނަމަވެސް އަދި ބަލައިގަތް ކަމެއް ނާންގާ،" ހަލީމް ވިދާޅުވި އެވެ.

ނާޝިޒާއި އާޒިމްގެ ގޮޑިއާ މެދު ސުވާލު އުފެދުނީ އެދެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 7 ފެބުރުއަރީ 2010ގައި ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ ފައިސާ މިހާތަނަށް އެއްވެސް ވަރަކަށް ދައްކާފައި ނުވާތީ އެވެ. އެ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ވެއްދި މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވަނީ އެ ލޯނުތަކުގެ ބަދަލުގައި ލޯނަށް ބެހެއްޓި ރަހުނު ވިއްކާލުމުގެ ހުއްދަ އެ ބޭންކަށް ދިނުމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ އެ މައްސަލަ އެ ކޯޓަށް މިއަދު ލިބިފައިވާ ކަމަށާއި ނަމަވެސް އަދި އެ މައްސަލައާ މެދު ބެންޗުން ވަކިގޮތެއް ނުނިންމާ ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސާބިތު ދަރަނި އޮވެ، އެ ދަރަނި ނުދައްކާ ކަމަށް ސާބިތު ވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނަނީ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި ވެސް ގެއްލިފައި ވަނީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ދައްކަމުން ނުދިޔަ މައްސަލައަކާ ގުޅިގެންނެވެ.