25 Nov 2012, 10:38
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މާލޭ ކުޅިވަރު އެކުވެނީގެ ދަނޑުގައި މިހާރު ކުރިއަށްގެންދާ 47 ވަނަ ގައުމީ ކްރިކެޓް މުބާރާތް 2012ގެ ފުރަތަމަ މެޗްގައި ބައްދަލުކުރި މާލޭ ސްޕޯޓްސް ކްލަބާއި ހިންނަވަރު ހިރިޔާ މެޗް އެއްވަރުވެގެން ނިމިއްޖެ އެވެ. އެހެން ނަމަވެސް ކުޅުނު ދެ އިނިންގްސްގައި ލިބުނު ބޯނަސް ޕޮއިންޓްގެ ސަބަބުން މެޗް ލިބުނީ މާލޭ ސްޕޯޓްސް އަށެވެ. މި މެޗުން މާލޭ ސްޕޯޓްސް އަށް ބޯނަސް ޕޮއިންޓާ އެކު ޖުމުލަ 24 ޕޮއިންޓް ލިބިފައިވެ އެވެ. ހިންވަރު ހިރިޔާ އަށް ލިބުނީ 19.5 ޕޮއިންޓެވެ.
އިއްޔެ ހެނދުނު ފެށި މިމެޗްގައި، ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުޅެންއަރައި 60 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވި އިރު ހެދިފައި ވަނީ 195 ލަނޑެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅެފައި ވަނީ 65 ލަނޑު ހެދި ހަސަން ހާޒިގުއާއި 28 ލަނޑު ހެދި ޢަބްދުﷲ ޝާހިދާޢި މަހުމޫދު ރިޔާޒެވެ. ދެވަނަ އިނިންގްސްގައި ހަތް ކުޅުންތެރިން ނުބައިވި އިރު 250 ހެދުމަށް ފަހު އިނިންގްސް ޑިކްލެއަރ ކުރީ އެވެ.
ހިރިޔާ އިން ކުޅެންއަރައި ފުރަތަމަ އިނިންގްސްގައި ހުރިހާ ކުޅުންތެރިން ނުބައިވި އިރު ހެދުނީ 102 ލަނޑެވެ. އަދި ދެވަނަ ދުވަހުގެ ކުޅުން ނިމުނު އިރު ހަތް ކުޅުންތެރިން ނުބައިވެގެން 150 ހެދުނީ ލަނޑެވެ. ދެވަނަ އިނިންގްސްގެ ކުޅުމަށް ނުކުތް އިރު މޮޅުވުމަށް ޓަކައި 34 އޯވަރުގެ ތެރޭގައި 343 ލަނޑު ހަދަން ޖެހެ އެވެ. އެހެންކަމުން މެޗް ނިމުނީ އެއްވަރު ވެގެންނެވެ.
މި މެޗްގައި މާލޭ ސްޕޯޓްސް ކުލަބުން އެންމެ ރަނގަޅަށް ކުޅުނީ، ފުރަތަމަ އިނިންގްސްގައި 65 ލަނޑުހެދި ޙަސަން ޙާޒިޤު އަދި ދެވަނަ އިނިންގްސްގައި 86 ލަނޑު ޢަބްދުﷲ ޝާހިދާއި 53 ލަނޑު ހެދި މުޙައްމަދު ރިޝްވާން އެވެ.
ހިރިޔާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ފުރަތަމަ އިނިންގްސްގައި 21 ލަނޑު ހެދި މިހުސާން ހާމިދު އާއި އަދި ދެވަނަ އިނިންގްސްގައި 38 ލަނޑު ހެދި ރަހާލު އެވެ.
ޤައުމީ މުބާރާތުގައި ޕޮއިންޓް ދޭގޮތް:
މި މުބާރާތުގައި މެޗަކުން މޮޅުވާ ޓީމަށް ލިބޭނީ 14 ޕޮއިންޓެވެ. އަދި ދެ ޓީމް އެއްވަރު ވެއްޖެ ނަމަ އެމެޗަކުން ކޮންމެ ޓީމަކަށް ލިބޭނީ ހަތް ޕޮއިންޓެވެ. ޖުމްލަ ޕޮއިންޓް ބަލާނީ މެޗުން ލިބޭ ބޯނަސް ޕޮއިންޓް ހިމަނައިގެންނެވެ.
ބޯނަސް ޕޮއިންޓް:
މެޗްގައި ކުޅެވޭ ދެ އިނިންގްސްގައި ވެސް ބޯނަސް ޕޮއިންޓް ލިބޭނެ އެވެ. މިގޮތުން:
- ބެޓިންގް ޕޮއިންޓްގެ ގޮތުގައި 60 އޯވަރުގެ ތެރޭގައި ހަދާ ކޮންމެ 25 ލަނޑަކަށް 0.5 ޕޮއިންޓް އަދި، ދެވަނަ އިނިންގްސް ތެރޭގައި ހަދާ ކޮންމެ 25 ލަނޑަކަށް 0.5 ޕޮއިންޓް ލިބޭނެ އެވެ. މިގޮތުން އެންމެ ގިނަވެގެން ލިބޭނީ 5 ޕޮއިންޓެވެ.
ބޯލިންގް ޕޮއިންޓް:
- ބޯލިންގް ޕޮއިންޓްގެ ގޮތުގައި ވެސް އެންމެ ގިނަވެގެން ލިބޭނީ ބޯނަސް ފަސް ޕޮއިންޓެވެ. މިގޮތުން ކޮންމެ އިނިންގްސް އެއްގައި ނަގާ ވިކެޓަކަށް 0.5 ޕޮއިންޓް ލިބޭނެ އެވެ.
މިމެޗް ގައި އެންމެ ރަނގަޅަށް އުކާފައި ވަނީ، މެޗްގައި ހަ ވިކެޓް ނެގި މުޙައްމަދު މަހަފޫޒާއި ހިރިޔާ ޓީމުން ކޮންމެ އިނިންގްސްއެއްގައި ހަތަރު ވިކެޓްނެގި މިހުސާ ހާމިދު އެވެ.
ދެން މި މުބާރާތުގެ މެޗެއް އޮންނާނީ 30 ނޮންމެބަރު 2012ވާ ހުކުރު ދުވަހު އެވެ. މި މެޗްގައި ބައްދަލުކުރާނީ، ހިންނަވަރު ހިރިޔާ އާއި އެމްއެސް އެކަޑަމީ ޓީމެވެ. ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:30ގައި ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.