މީގެ ފަންސާހަކަށް އަހަރު ކުރިން އދ.ގެ މާހިރުންގެ ޓީމެއް ރާއްޖެއަ އެވެ. މިތާނގައި ޓޫރިޒަމް ތަރައްގީ ކުރެވޭތޯ ބެލުމަށެވެ. "އެރަށް ތަކަކީ އެއްވެސް ތަނެއް ނޫން، އެކަމާ އުޅޭނެ ކަމެއް ވެސް ނެތް" އެ ޓީމުގެ ރިޕޯޓްގައި ލިއުނެވެ.

ރާއްޖެއާ މެދު އެފަދަ ގޮތަކަށް ދެކެން ޖެހޭ ސަބަބުތައް ވެސް އެ ރިޕޯޓްގައި މާހިރުންގެ ޓީމުން ހިމެނި އެވެ.

"ދިވެހިރާއްޖޭގައި ބޭންކެއް ނެތެވެ. އެއާޕޯޓެއް ވެސް ނެތެވެ. ރަށްތަކުގައި ކަރަންޓެއް ވެސް ނެތެވެ. ރަށްތަކުގެ ތެރޭގައި ދަތުރުކުރަން ޖެހެނީ ވަރަށް ލަސްލަހުން ސަގާފީ ރިޔާ ނެގި އުޅަނދެއްކަމަށްވާ ދޯނީގަ އެވެ."

ސްރީލަންކާގައި ދިވެހި ޒުވާނެއް ކަމަށްވާ އަހުމަދު ނަސީމާއި އިޓަލީވިލާތުގެ އެޑްވެންޗަރާ ޖޯޖް ކޯބިން ބައްދަލުވެ، ރާއްޖެ އަށް ޓޫރިސްޓުން ގެނައުމާ މެދު ވާހަކަ ދެއްކި އިރު ޔޫއެންގެ ރިޕޯޓް އެމީހުން ކިޔާފައެއް ނުވެ އެވެ. އެ ދެ މީހުން ފަހުންވީ މިހާރު އަހަރަކު މިލިއަނަކާ ގާތްކުރާ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރާ، ދުނިޔޭގެ އެއް ނަމްބަރު ރިޒޯޓްތައް ހުރި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ބާނީންނަށެވެ.

ކޯބިންއާ އެކު 22 މެހުމާނުންނަށް 1972 ވަނަ އަހަރު ރާއްޖެ އިން މަރުހަބާކީ އެކުވެރި ދިވެހި ޒުވާނުންނަކީ މިހާރު ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ވަރުގަދަ ކުންފުނިތައް ކަމަށްވާ ޔުނިވާސަލް އާއި ކްރައުން އަދި ޗަމްޕާ ރިޒޯޓްސްގެ ވެރިންނެވެ. ކޯބިން ގެނައި 22 މެހުމާނުންނަށް ބޭތިއްބުމަށް ދިވެހި ޒުވާނުން ތިން ގެއެއް ހަމަޖެއްސިއެވެ. މާލޭގެ ރެސްޓޯރެންޓަކުން އެއްފަހަރު ކައިގެން އެމީހުންނަށް ދިމާވި ކަންތައްތަކަށް ފަހު އެމީހުން ކައިބޮއި އުޅުނީ އަމިއްލައަށް ކައްކައިގެންނެވެ.

ކޯބިންއާއި އޭނާގެ ބައިވެރިން ރާއްޖޭގެ ރަށްތަކަށް ވަރަށް އުނދަގުލުން ދަތުރުކޮށް، ރިޒޯޓްތަކުގެ ގޮތުގައި ތަރައްގީކުރެވިދާނެ ރަށްތައް ބެލި އެވެ.

މޯނިން ސަންގެ ނަމުގައި އަލަށް ނެރެން ފެށި އިނގިރޭސި ނޫހެއްގެ ކަރެސްޕޮންޑެންޓަކާ ކޯބިންއާ ދިމާވި އެވެ. އެހިސާބުން ރާއްޖޭގެ ޓޫރިރަމްގެ އިއުލާން އެ ނޫހުގެ ބޭރުގަނޑުގައި ކުރެވިގެން ދިޔަ އެވެ.
އަގެއްދީގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި ފުރަތަމަ ޓޫރިސްޓުން އޭގެ ފަހުން ރާއްޖެ އަ އެވެ. މީގެ 40 އަހަރު ކުރިން އައި އެ މީހުން ރާއްޖޭގައި ތިބީ އަވަސް އަރުވާލައިގެން ބިނާކުރި، ފަނުން ހިޔާކޮށްފައިވާ ކޮޓަރިތަކެއްގަ އެވެ. އެކޮޓަރިތައް ބިނާކުރި ރަށުގެ ނަން ބަދަލުކޮށް ކުރުނބާ ވިލެޖްގަ އެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމްގެ ފެށުން އައި ގޮތް ނުވަތަ ޓޫރިޒަމްގެ ތާރީހެވެ. ޔޫއެންގެ މާހިރުން ރާއްޖެއާ މެދު މިހާރު އެހެންނެއް ނުބުނާނެ އެވެ. އޭރު ރާއްޖެއާ މެދު އެފަދަ ރިޕޯޓެއް ލިއުނު މާހިރުން ވެސް މިހާރު ރާއްޖެ އަތުވެއްޖެ ނަމަ ތިބޭނެ، ދުނިޔޭގެ ފެންވަރުގެ އެތައް ރިޒޯޓެއް މިހާރު ރާއްޖޭގައި އެބަހުއްޓެވެ. އެމީހުން ބޭނުންވާ ހަލުވި މިނެއްގައި ދަތުކުރާނޭ އުޅަނދުތަކާއި ކަނޑަށް ތިރިކުރެވޭ މަތިންދާ ބޯޓްތައް ވެސް އެބަހުއްޓެވެ. އަދި ހުރިހާ ހިދުމަތްތަކެއް ލިބޭ ބޭންކްތަކާއި ފައިސާ ޓްރާންފާ ކުރާނެ ނިޒާމުތައް ވެސް ރާއްޖޭގައި ވަނީ ގާއިމްވެފަ އެވެ.