25 Nov 2012, 10:06
އަންނަ މަހުގެ ތެރޭގައި ރާއްޖެ އަށް 100،000 ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަލީހު ޖަމާލް މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި އަހަރުގެ ޓާގެޓް ކަމަށްވާ އެއް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ އަމާޒަށް ވާސިލު ވެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށާއި މިހާރު ވެސް ބުކިން ރޭޓްސްތައް ހުރި ގޮތަށް ބަލާ އިރު މި އަހަރު ނިމޭ އިރު ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަބަދުވެސް އެންމެ ރަނގަޅުވާނީ އެންމެ ފަހު ތިން މަހު. އެއީ އޮކްޓޫބަރު، ނޮވެމްބަރު އަދި ޑިސެމްބަރު. އެގޮތުން ހާއްސަކޮށް ޑިސެމްބަރު މަހު. މިހާރު މިހުރި ރޭޓަށް ބަލާ އިރު ޑިސެމްބަރު މަހު އެއްލައްކަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ. އަދި އޮކްޓޫބަރު ނޮވެމްބަރުގައި ވެސް ރަނގަޅަށް މިދަނީ،" މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއް މަހެއްގެ ތެރޭގައި ރާއްޖެ އަށް އެ އަދަދަށް ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެނީ އެއީ ސީޒަން ކަމަށްވުމާއި އަދި ރާއްޖެ އަށް އަންނަ އެއާލައިންތައް މިވީ މަހެއްހާ ދުވަހުގެ ތެރޭގައި އިތުރުވެފައިވާތީ ކަމަށެވެ. ރާއްޖެ އަށް އަލަށް އުދުހެން ފެށި އެއާލައިންތަކަކީ ބަޖެޓް އެއާލައިންއެއް ކަމަށްވާ ފްލައި ދުބާއީ އަދި ޓާކިޝް އެއާލައިން އެވެ.
މަލީހު ވިދާޅުވީ އެއާލައިންތަކުގެ ސަބަބުން ރާއްޖެ އަށް މީގެ ކުރިން ނާދެވި ތިބި އެތައް ޓޫރިސްޓުންނެއް އައިސް ރާއްޖޭގެ އޮކިއުޕެންސީ ރަނގަޅުވާނެ ކަމަށާއި މިހާރު ވެސް އޭގެ އަސަރު މަޑުމަޑުން ފެންނަން ފަށާފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ. އަދި މޯލްޑިވިއަންގެ ދަތުރުތައް ބޭރުގެ މަންޒިލްތަކަށް ފެށުމުން އޭގެ ހެޔޮ އަސަރު ވެސް ފެންނަން ފަށާފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ.
"ދުބާއީ ކަހަލަ ތަންތަނަކީ ވަރަށް ރަނގަޅު މާކެޓްތައް ރަނގަޅު ކޮލިޓީ ޓޫރިސްޓުން އަންނަ ތަންތަން. ފުލައި ދުބާއީ ކަހަލަ އެއާލައިންތަކުގެ ސަބަބުން އެ މަންޒިލްތަކުން އަންނަ ޓޫރިސްޓުން އިތުރުވެ އޭގެ ފައިދާ ރާއްޖެ އަށް ކުރާނެ. އެގޮތަށް ހަމަ ޓާކިޝް އެއާލައިން އާއި މޯލްޑިވިއަންގެ ދަތުރުތައް ފެށީމާ އޭގެ ރަނގަޅު އަސަރުތައް ވެސް އަންނާނީ ކުރަމުން،" މަލީހު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ ހިސާބުތަކެވެ. މި އަހަރުޖެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރު މަހަށް 691،608 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ. އަދި ސެޕްޓެމްބަރު މަހު އެކަނި ރާއްޖެ އައީ 76806 ޓޫރިސްޓުންނެވެ.
ރާއްޖެ އަންނަ ގިނަ ޓޫރިސްޓުންނަކީ ޗައިނާގެ ޓޫރިސްޓުންކަން ފާހަގަ ކުރަމުން މަލީހު ވިދާޅުވީ މި ފަހަކަށް އައިސް ޗައިނާގެ ޓޫރިސްޓުން ވެސް ހަރަދުކުރުން އިތުރުވެފައިވާ ކަމަށާއި އޭގެ ސަބަބުން ރިސޯޓްތަކުގައި އެ މީހުން ހޭދަކުރާ ރޭގެ އަދަދު ވެސް ރަނގަޅުވެފައިވާ ކަމަށެވެ. ނަމަވެސް ޔޫރަޕްގެ އިގްތިސޯދީ މައްސަލަތަކާ ހުރެ ޔޫރަޕުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަކި އިތުރުނުވާ ކަމަށް ވިދާޅުވި އެވެ.
"މި ހުރިހާ ޓްރެންޑަކަށް ބަލާ އިރު މިއަހަރު ނިމޭއިރު އަޅުގަނޑުމެންގެ ގޯލަށް ވާސިލްވެވި އަޅުގަނޑުމެންގެ ޓޫރިޒަމް ފެންނަނީ ރަނގަޅުކޮށް،" މަލީހު ވިދާޅުވި އެވެ.