21 Sep 2010, 07:22
މިއަދު ހެނދުނު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސި ސްރީލަންކާގެ ކާގޯ ބޯޓެއްގެ ފުރޮޅު ކަހައިގެން ގޮސް ރަންވޭ އިން ކައްސާލައި ބޯޓްގެ ފުރޮޅެއް ފަޅައިގެން ގޮސް، ރަންވޭ ދިއްލުމަށް ހުރި ދެ ލައިޓް ތަޅައިގެން ހިނގައްޖެ އެވެ.
ސިވިލްއޭވިއޭޝަން ޑިޕާޓްމަންޓްގެ އެއާވާދިނަސް އިންޖިނިއާރު އަބްދުﷲ މުހަންމަދު މިއަދު ވިދާޅުވި ގޮތުގައި ސްރީލަންކާގެ އެކްސްޕޯ އޭވިއޭޝަންގެ މަތިންދާ ބޯޓް މިއަދު ހެނދުނު 6:11 ގައި ރަންވޭ އިން ކައްސާލައި ބޯޓް ރަންވޭ އިން ބޭރަށް ގޮސް ވާތްފަރާތު ފުރޮޅު ފަޅައިގެން ދިޔައީ ރަންވޭ ހުރަސްކޮށް ވައި ހުރުމުން ކޮންޓްރޯލުން ނެއްޓިގެންނެވެ.
ދެ ޕައިލެޓުންނާއި ފްލައިޓް އިންޖިނިއަރާއި އަދި ދެ އިންޖިނޭރުންނާ އެކު ޖެއްސި ބޯޓް ރަންވޭ އިން ކައްސާލި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް އަދި އަނިޔާއެއް ނުލިބެ އެވެ.
އެ ހާދިސާ ތަހުގީގު ކުރެއްވުމަށް އެއާޕޯޓްގައި ހުންނެވުމަށް ފަހު އަބްދުﷲ ވިދާޅުވީ ބޯޓް ޖެއްސި އިރު ރަންވޭ ތެމިފައި ހުރި ވާހަކަ އާއި ކައްސައިފާނެ ކަމުގެ މައުލޫމާތު ޓަވަރުން ދީފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ 20 މޭލުގައި ވައިޖެހެމުން ދިޔަ އިރު ރަންވޭ ހުރަސްކޮށް ވައިޖެހުމަކީ މާ ބޮޑު މައްސަލައެއް ކަމަށް ޕައިލެޓް ބަލާފައި ނުވާ ކަމަށެވެ.
ސިވިލް އޭވިއޭވިއޭޝަން ޑިޕާޓްމަންޓުން ބުނީ ކާގޯ ބޯޓްގެ އިންޖިނިއަރުން އޭގެ ފުރޮޅު އަލުން ލެއްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި މިއަދު ބޯޓް އަނބުރާ ފުރާނެ ކަމަށެވެ.