ޤާހިރާ (ނޮވެމްބަރ 25): މިސްރުގެ ރައީސަށް ވެރިކަމުގެ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ދަސްތޫރަށް ބަދަލު ގެނައުމަށް ރައީސް މުހައްމަދު މުރުސީ ނެރުއްވިރިޔާސީ އަމުރާ ގުޅިގެން މިސްރުގައި އުފެދިފައިވާ ސިޔާސީ ގަޑުބަޑުތައް ހައްލުކުރުމަށް ޓަކައި އެ ގައުމުގެ ސިޔާސީ ބައެއްފަރާތްތަކާއި ގަދަރުވެރި ޝަޚްސިއްޔަތުތަކެއް އިސްކޮށް ތިއްބަވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

މުރުސީގެ ރިޔާސީ އަމުރާ ގުޅިގެން މިސްރުގެ ގިނަ ސިޔާސީ ފަރާތްތަކުން އޭނާއާ ވާހަކަ ދައްކައި މުޢާމަލާތްކުރުމަށް ދެކޮޅު ހަދާފައިވާ އިރު ޑިމޮކްރަސީގެ ނަމުގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކާއި ކުރީގެ ރައީސް ޙުސްނީ މުބާރަކަށް ތާއީދުކުރާ ފަރާތްތަކާ އަދި މުރުސީއާ ވާދަވެރި ސިޔާސީ ފަރާތްތަކުން ގެންދަނީ މުރުސީ މިސްރުގެ ވެރިކަމުގެ ހުރިހާ ބާރުތަކެއް އަތްދަށަށް ގެންނަވައި ޚުދުމުޚްތާރު ވެރިކަމެއް ކުރައްވަން މަސައްކަތްކުރައްވާ ކަމަށް ބުނަމުންނެވެ.
މިކަމާ ދެކޮޅަށް ގާހިރާގަ އާއި އިސްކަންދަރިއްޔާ އާއި މިސްރުގެ އެނޫން ރައްތަކުގައި އެތައް ހާސްބަޔަކު އިހުތިޖާޖްކޮށް ބައެއްތަންތަނުގައި ހުޅުޖަހާފައިވެ އެވެ. މި ހަމަނުޖެހުންތަކުގައި އެކަކު މަރުވެ ސަތޭކައަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު މުރްސީ އަށް ތާއީދުކުރާ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ އެކްޓިވިސްޓުން ވަނީ މުރުސީ ނެރުއްވި އަމުރު ދިފާޢުކުރުމަށް ޓަކައި މަގުތަކަށް ނުކުންނާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އަލްޖަޒީރާ ބުނާ ގޮތުން ސިޔާސީ ބައެއްފަރާތްތަކާއި ގަދަރުވެރި ޝަޚްސިއްޔަތުތަކެއް އިސްކޮށް ތިއްބަވައިގެން މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައި ވަނީ މުރުސީއާ އިދކޮޅު ފަރާތްތަކާއި އޭނާ އަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކަކަށް ގޮސް ބޮޑު ލޭއޮހޮރުވުމެއް ހިނގާފާނެ ކަމުގެ ބިރަށެވެ. ޚާއްސަކޮށް މުރުސީ އަށް ދަސްތޫރީ އިތުރު ބާރުތައް ލިބޭގޮތަށް ނެރުއްވި ރިޔާސީ އަމުރު ބާތިލް ނުކުރަނީސް އޭނާއާ އެއްވެސް މުއާމަލާތެއް ނުކުރުމަށް މިސްރުގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ނިންމެވުމާއި މުރުސީއާއި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތުން ވެސް މިކަމުގައި ފަހަތަށް ނުޖެހުމަށް ނިންމުމުން ވަކިފަރާތަކަށް ނުޖެހޭ މިސްރުގެ ޤަދަރުވެރި ޝަޚްސިއްޔަތުތަކާއި ޢިލްމީ ފަރާތްތައް ވަނީ ވަރަށް ކަންބޮޑުވެފައި ކަމަށް އަލްޖަޒީރާ ބުނެ އެވެ.

މިސްރުގައި އުފެދިފައިވާ ދަސްތޫރީ މި ހަމަނުޖެހުންތަކާއި ގަޑުބަޑު ސުލްޙަވެރިގޮތުގައި ހައްލުކުރުމަށް ޓަކައި މިސްރުގެ ބައެއް ސިޔާސީ ބައެއްފަރާތްތަކާއި ގަދަރުވެރި ޝަޚްސިއްޔަތުތައް ރޭގައި ސިއްރު ބައްދަލުވުމެއް ބޭއްވުމަށް ފަހު ނެރެފައިވާ ބަޔާނުގައި މައްސަލަ ޙައްލުކުރުމުގައި މެދުވެރިންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ނިންމިކަން ހާމަކޮށްފައިވެ އެވެ. މުރުސީ ނެރުއްވި ރިޔާސީ އަމުރުގައި ވަނީ މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލްއަކީ ރައީސުލްޖުމްހޫރިއްޔާ، ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އައްޔަން ކުރައްވާ ބޭފުޅަކަށް ހެދުމަށާއި މިސްރުގެ އެންމެ ބާރުގަދަ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސް ނެރުއްވާ އަމުރުތަކަކީ މިސްރުގެ އެންމެ ބާރުގަދަ އަމުރުތައް ކަމުގަ އެވެ.

މިއީ، ޝަރުއީ ދާއިރާގެ ކޮންޓްރޯލް މިސްރުގެ ރައީސްގެ އަތްމައްޗަށް ގެންދިޔުމުގެ އަމުރެއްކަމަށް މިސްރުގެ ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި މިއަމުރުގެ ސަބަބުން ކުރީގެ ރައީސް ހުސްނީ މުބާރަކް ޢައްޔަން ކުރައްވާފައިވާ ޕްރޮސެކިއުޓާ ޖެނެރަލް ޢަބްދުލްމަޖީދު މަޙްމޫދުގެ މަޤާމުވަނީ ގެއްލިފަ އެވެ. (އަލްޖަޒީރާ)