ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުން ޑިސެންބަރު މަހުގެ 8 ވަނަ ދުވަހަށް ބާއްވާ މަރާކިޝް ފިލްމު ފެސްޓިވަލުގައި ކަރަން ޖޯހަރުގެ ތިން ފިލްމެއް ސްކްރީން ކުރާން ހަމަ ޖެހިފައިވާ ކަން އޭނާ ހާމަކޮށްފިއެވެ.

ފެސްޓިވަލް ފެށޭ ރޭގައި ސްކްރީން ކުރާނީ 2001 ވަނަ އަހަރު ރިލީޒް ވި "ކަބީ ޚުޝީ ކަބީ ޣަމް" އެވެ. ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު ކަރަން ޖޯހަރުގެ "އަގްނީޕަތު" އާއި "ސްޓޫޑެންޓް އޮފް ދަ އިޔަރ" ސްކްރީން ކުރާނެއެވެ. "ކަބީ ޚުޝީ ކަބީ ޣަމް" ސްކްރީން ކުރާ އިރު، ކަރަން ޖޯހަރުގެ އިތުރުން މެގަ ސްޓަރ އަމީތާބް ބައްޗަން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަމީތާބަކީ "ކަބީ ޚުޝީ ކަބީ ޣަމް"ގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ތަރިއެކެވެ. "އަގްނީޕަތު" ސްކްރީން ކުރާ އިރު، ކަރަން ޖޯހަރާ އެކު ރިޝީ ކަޕޫރު ބައިވެރި ވާނެއެވެ. އަދި "ސްޓޫޑެންޓް އޮފް ދަ އިޔަރ" ސްކްރީން ކުރާ އިރު، ސިދާރްތު މަލޯތުރާ އާއި، އާލިޔާ ބަޓް އަދި ވަރުން ދަވާން ބައިވެރިވާނެއެވެ.

ކަރަން ޖޯހަރާ ހަވާލާދީ މީޑިޔާގައި ހާމަކޮށްފައިވާ ގޮތުން މި ފިލްމު ފެސްޓިވަލަށް ހޮވި ފިލްމުތަކާ މެދު އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ.

"އަހަރެމެންގެ ފިލްމުތަކަށް އެހެން ގައުމުތަކުގައި މި ގޮތަށް ތަރުހީބު ލިބެމުންދާތީ ވަރަށް އުފާވޭ. ކަބީ ޚުޝީ ކަބީ ޣަމް އަކީ މޮރޮކޯގައި ވަރަށް ހިނގި ފިލްމެއް." އުމުރުން 40 އަހަރުގެ ޑައިރެކްޓަރު ބުންޏެވެ.

ހިންދީ ސިނަމާއަށް 100 އަހަރު ފުރޭނީ 2013 ވަނަ އަހަރު ކަމަށް ވުމުން މިކަމާ ގުޅުވައިގެން ވެސް މި ފިލްމު ފެސްޓިވަލުގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރު ލިބެއެވެ.