ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ ވާހަކަ އެންމެނަށް ވެސް އިނގެ އެވެ. އެއީ އާ ވާހަކަތަކެއް ނޫނެވެ. ގައުމުގެ ދަރަނި ބޮޑުވުމާއި ގައުމުގެ އުފެއްދުންތެރިކަން ލަފާ ކުރި އަދަދަށް ވުރެ ވެސް މި އަހަރު ދަށްވާނެ ކަމަށް މިހާރު ވެސް ވަނީ ލަފާކޮށްފަ އެވެ. އެ ހުރިހާ މައްސަލަތަކަކާ ކުރިމަތިލާން ޖެހޭ އިރު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ވަނީ ބޯމަތިވެފަ އެވެ. އަންނަ އަންގާރަ ދުވަހު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ބަޖެޓްގެ ބަހުސް ފަށާ އިރު ވިސްނާލަން ޖެހޭ ކަންތައްތައް ބައިވަރެވެ.

ބަޖެޓަކީ ޖުމްލަ އާމްދަނީ އާއި ހަރަދު ލަފާކުރުމަށް ފަހު އޭގެ މައްޗަށް ބަރޯސާވެ ރޭވޭ އަންދާޒާ ރޭވުންތަކެކެވެ. ސިޔާސަތުތަކުގެ މައްޗަށް އާމްދަނީ އާއި ހަރަދު ހަމަޖައްސާނޭ ގޮތް އެކަށައަޅަނީ ބަޖެޓުންނެވެ. މި އަހަރުގެ ބަޖެޓަކީ 14.6 ބިލިއަން ރުފިޔާ ބޮޑު 3.1 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. ނަމަވެސް ޖުމްލަ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެކި ފަހަރު މަތިން މިހާރުގެ ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެހެންވެއްޖެ ނަމަ ޖުމްލަ ދަރަނި 9.1 ބިލިއަން ރުފިޔާއާ ގާތް ކުރާނެ އެވެ.

މިއަހަރުގެ ބަޖެޓް އެކުލަވާލާއިރު އެ ހިސާބުތަކުގެ މައްޗަށް ބުރަވާން ޖެހެ އެވެ. ކޮންމެހެން ރާއްޖެ އަށް ބޭނުން ވަނީ ބޮޑު ބަޖެޓެއް ނޫނެވެ. ބޭނުން ވަނީ "ހަގީގީ ތަސައްވުރެއް ދައްކައިދޭ" ބަޖެޓެކެވެ. އެއީ މިހާރު ވެސް ހުރި ހިސާބުތަކަށް ބަލާ އިރު އެ ނޫން ގޮތަކަށް އެކަން ކުރެވެން ނެތީމަ އެވެ. ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް މި އަހަރަށް ވުރެ އެންމެ ތަންކޮޅެއް ވެސް ބޮޑުކުރެވެން ނެތް ކަމަށެވެ. ސަބަބަކީ އިތުރު އާމްދަނީއެއް ނުލިބުމެވެ. އަދި ހަރަދު އިތުރަށް ބޮޑުވުމަކީ ދަރަނި އިތުރަށް ބޮޑުވާނެ ކަމަކަށްވާ އިރު އެކަން ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ނެތް މި އަހަރަށް ވުރެ ބޮޑު ބަޖެޓެއް ހުށަހެޅޭކަށް. އެއަށް ވުރެ ވެސް ދަށްވޭތޯ އަޅުގަނޑު މަސައްކަތް މިކުރަނީ. އާމްދަނީ އަށް، ބޭރުގެ ހިލޭ އެހީ އަދި ލޯނު މި އެއްޗިއްސަށް ބަލާއިރު ވެސް ނެތް ކުރިއެރުމެއް ފެންނާކަން. އެހެންވެ މިއަހަރަށް ވުރެ ވެސް [އަންނަ އަހަރުގެ ބަޖެޓް] ކުޑަކުރެވޭތޯ މިބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުން މިހާރު ވެސް ހަރަދުވެފައިވާ މިންވަރަށް ބަލާއިރު 10.8 ބިލިއަން ރުފިޔާ މިހާރު ވެސް ވަނީ ހަރަދުވެފަ އެވެ. ބަޖެޓްގެ ޑެފިސިޓް ހުރީ 2.3 ބިލިއަން ރުފިޔާއާ ހިސާބުގަ އެވެ. މިއަހަރަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 11.5 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރަށް އާމްދަނީގެ އިތުރުވުމެއް ނާންނަ އިރު ހަރަދުތައް ވަކި މިންގަނޑަކަށް ފައްތާށެވެ. ހަރަދުތަކުގެ ނާރެހަކަށް ވާންޖެހެނީ އާމްދަނީ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ވެސް ވަނީ ލަފާދީފަ އެވެ.

އައިއެމްއެފްގެ ވަފުދުގެ ޗީފް ކޯޝީ މަތާއީ ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ބަޖެޓަށް ވެސް ކުރަން ޖެހޭ ކަމަކީ ހަރަދުތައް ހިފެހެއްޓުން ކަމަށެވެ. ރާއްޖެއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ގައުމަކަށްވާ އިރު އަދި އިތުރު އާމްދަނީ ހޯދިދާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އެއީ ޓޫރިޒަމް ޓެކްސްތައް ބޮޑުކުރުމާއި އިމްޕޯޓް ޑިއުޓީ ވެސް އަލުން އިއާދަކުރުމެވެ. ނަމަވެސް އެއީ އަދި ހައްލެއް ނޫން ކަމަށް އޭނާ ވެސް ވަނީ ވިދާޅުވެފަ އެވެ.

"ހަގީގަތް ފެންނަ ދެ ފުށްފެންނަ ބަޖެޓެއް ބޭނުން ވަނީ. އާމްދަނީ ރަނގަޅު ވިޔަސް ހަރަދުތައް ނުހިފެހެއްޓެންޏާ އޭގެ ފައިދާއެއް ނެތް. އަންނަ އަހަރުގެ ބަޖެޓްގައި ވެސް އިސްކަން ދޭންޖެހޭ އިތުރު އާމްދަނީތައް ހޯދުމުގެ އިތުރަށް ހަނރަދުތައް ކުޑަކުރަން،" މަތާއީ ވިދާޅުވެފައިވެ އެވެ.

ބަޖެޓަކީ ހަގީގަތް ފެންނަ ބަޖެޓަކަށް ވާންޖެހެ އެވެ. ފޮރުވިފައިވާ ގޮތް ނޭނގޭ އަދަދުތަކެއް ހުރުމަކީ ބަޖެޓްގެ މަގުސަދަކަށް ވެގެން ނުވާނެ އެވެ. ސަރުކާރެއްގެ ސިޔާސަތު ރަނގަޅުކަން ދެއްކުމަށް ބަޖެޓަކީ ފްރޭމް ކުރެވޭ އެއްޗަކަށްވާ ނަމަ އެއީ މައްސަލައެކެވެ. ވަކި ބައެއްގެ ސިޔާސަތުތަކެއް ކުރިއަރުވާ އެއްޗަކަށް ވުމަކީ މައްސަލައެކެވެ. ބޮޑު ބަޖެޓެއްގެ ބަދަލުގައި ކުޑަ ބަޖެޓަކުން އެތައް ކަމެއް ވެސް ކުރެވިދާނެ އެވެ. ރައްޔިތުންގެ މަޖިލީހާ ހިސާބަށް ބަޖެޓް އައިސް ދިރާސާ ކުރުމުގައި މަޖިލީހުގެ މެންބަރުން ވެސް ވިސްނަން ޖެހެ އެވެ. ބަޖެޓްގެ ކޯޑުތަކުން ފައިސާ ބަދަލު ކުރުމާއި އޭގެ މަގުސަދު އެކަށައެޅޭ އިރު އެ ފައިސާ ދަނީ ރަނގަޅު ދިމާލަކަށްތޯ އިގްތިސޯދީ ގޮތުން ކިހާ ފައިދާއެއް ކުރާނެތޯ ވެސް ވިސްނަންޖެހެ އެވެ.

"ކިތަންމެ ބޮޑު ބަޖެޓެއް ފާސްކުރެވިދާނެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައި މި ހުންނަ ޕްރޮގްރާމްތަކާ އެއްޗިއްސަށް ބަދަލު ގެންނަ އިރު އެއަށް ވުރެ ބޮޑު ބަޖެޓެއް އެކުލަވާލެވިއްޖެ ނަމަ އެ ވާނީ ބޮޑު މައްސަލައަކަށް. އެވަރަށް ފައިސާއެއް ނުލިބޭނެ. އޭގެ ބަދަލުގައި ރަނގަޅަށް ޓެކްނިކަލް ސަޕޯޓް ލިބިގެން ބަޖެޓް އެކުލަވާލަން ޖެހޭ،" އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވި އެވެ.

ބަޖެޓްގައި މަޖިލީހާއި ހިސާބުން ދިމާވާ މައްސަލަތައް ވެސް ހުރީ އެވެ. މިދިޔަ އަހަރު ވެސް އެކަމުގައި އެތައް މައްސަލައެއް ނުކުތެވެ. މަސްވެރިންގެ ސަބްސިޑީ އަކީ ފަހުން ބަޖެޓް ކޮމެޓީން އިތުރު ކުރި ފައިސާ އަށްވީ އިރު އެކަމަށް އޭރުގެ ސަރުކާރަށް ފައިނޭންސެއް ނުކުރެވުނެވެ. ބަޖެޓަކީ އިގްތިސޯދީ ހާލަތާއި ލިބޭ އާމްދަނީގެ މައްޗަށް އެކުލަވާލެވޭ މުޅި ގައުމުގެ ސިޔާސަތު ތަންފީޒު ކުރެވޭ އެއްޗަކަށްވާން ޖެހެ އެވެ. އެއީ މަޖިލީހުންނާއި ފިނޭންސް މިނިސްޓަރާއި ހުދު ރައީސް ވެސް ވިސްނަވަން ޖެހޭ މައްސަލަ އެކެވެ. އެހެން ނޫން ނަމަ މި އަހަރުގެ ބަޖެޓްގައި ދިމާވި މިފަދަ ގިނަ މައްސަލަތަކަކާ އަންނަ އަހަރު ވެސް ކުރިމަތިލާންޖެހޭނެ އެވެ.