ކޮލަންބޯ (ނޮވެމްބަރ 25): ސްރީލަންކާގެ އަހްލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައި އެޤައުމުގެ ސިފައިން ތަމަޅަ ޢާންމުންނާ ދެކޮޅަށް ހިންގި ކަމަށް ބުނާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބަލައި ތަހުގީގު ކުރުމަށް ފަހު އދ. އިން ނެރެފައިވާ ރިޕޯޓަށް ސްރީލަންކާ ސަރުކާރުން ދެކޮޅުހަދައިފި އެވެ.

ސްރީލަންކާގެ ޚާރިޖިއްޔާއިން ބުނީ މިއީ ސައްހަ އަސާސެއްގެ މައްޗަށް ބަލައިގެން ނެރެފައިވާ ރިޕޯޓެއް ނޫން ކަމަށާއި ސްރީލަންކާގެ އަހްލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައި ޙާލަތު އޮތްގޮތް އެއްވެސް ވަރަކަށް މިރިޕޯޓްގައި ރިޢާޔަތްކޮށްފައި ނުވާކަމުގަ އެވެ. މީގެ އިތުރުން ހަމަ އެދުވަސްވަރު ތަމަޅަ ޓައިގަރުން ތަމަޅަ ޢާންމުން އިންސާނީ އައްޑަނައަކަށް ހަދައިގެން އުޅުނު މައްސަލަ ވެސް މިރިޕޯޓްގައި ފާހަގަ ކޮށްފައިނުވާކަމުގަ އެވެ. ތަމަޅަ ޓައިގަރުން ތަމަޅަ ޢާންމުން އިންސާނީ އައްޑަނައަކަށް ހަދައިގެން އުޅުމުގެ ސަބަބުން ޢާންމުން ޙިމާޔަތް ކުރުމަށް ސްރީލަންކާ ސިފައިންނަށް ކުރިމަތިވި ދަތިތަކަށް އދ.ގެ ރިޕޯޓްގައި ރިޢާޔަތްކޮށްފައި ނުވާތީ މިއީ އިންސާފުވެރި ރިޕޯޓެއް ކަމަށް ބެލެވެންނެތް ކަމަށް ވެސް ސްރީލަންކާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. މީގެއިތުރުން އދ.ގެ ރިޕޯޓަކީ ޢަސްކަރީ ގޮތުން ޓައިގަރުންގެ މައްޗަށް ހޯދި ކާމިޔާބީ ނާކާމިޔާބަކަށް ބަދަލުކޮށްލުން ކަމަށް ވެސް ސްރީލަންކާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

އދ.ގެ ރިޕޯޓްގައި ސްރީލަންކާގެ އަހްލީ ހަނގުރާމައިގެ އެންމެ ފަހުދުވަސްތަކުގައި ތަމަޅަ ޢާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ އިތުރުން މިކަން ބަލައި ތަހުގީގު ކުރުމަށް މަސައްކަތްކަތްކުރި އދ.ގެ މުވައްޒަފުނަށް ސްރީލަންކާ ސަރުކާރުން ބިރުދެއްކި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ސްރީލަންކާގެ އަހްލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައި ސްރީލަންކާ ސިފައިންގެ ޙަމަލާތަކުގައި 40 ހާސް ޢާންމުން ގަސްދުގައި މަރާލާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. އދ.ގެ ރިޕޯޓްގައި އެދުވަސްވަރު ތަމަޅަ ޢާންމުންގެ 70 ހާސް މީހުން ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ ވެސް ސްރީލަންކާ ސަރުކާރުކަމަށް ތުހުމަތު ކޮށްފައިވެ އެވެ. (އަލްޖަޒީރާ)