24 Nov 2012, 22:29
ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މަޖިލީހުގެ އިދާރާ އިން އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަނުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 96 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މެންބަރެއްގެ މައްޗަށް އިމްތިޔާޒުގެ މައްސަލައެއް ކޮމެޓީ އަށް ސާބިތުވެއްޖެ ނަމަ އެކަން ކަނޑައަޅައި ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހޭނޭ ކަމަށާއި އެ ރިޕޯޓް ދައުލަތުގެ އެއްވެސް ފަރާތަކަށް ފޮނުވޭނީ އެ ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްވެގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދި ރިޕޯޓް ވެސް ނުފެނޭ. މީޑިއާ އިން އަޅުގަނޑަށް ވެސް ފެނުނީ. އަޅުގަނޑުގެ އާގިއުމަންޓަކީ [ޝަކުވާއަކީ] ކިހިނެއްހޭ ހަމައެކަނި ކޮމެޓީއަކުން ނިންމައިގެން އެގޮތަށް ފިޔަވަޅެއް އަޅަން ހަމައެކަނި ރިޕޯޓް ފޮނުވޭނީ. އެކަން މަޖިލީހުގެ ތަޅުމަށް ގެނެސްގެން މެންބަރުންގެ ތާއީދު ލިބިގެން ދެނޭ ފޮނުވޭނީ އަދި އެ ފޮނުވަން ޖެހޭ މުއައްސަސާއަކަށް ފިޔަވަޅު އަޅަން ވެސް. ކޮމެޓީން ނިންމައިގެން އެގޮތަށް ނުފޮނުވޭނެ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމައެކަނި ކޮމެޓީގެ ނިންމުން މަޖިލީހުން ޕީޖީ އަށް ފޮނުވިއިރު މަޖިލީހުގެ ގަވާއިދުގެ 204 ވަނަ މާއްދާގައި ބުނެފައިވާ ކަންތައްތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އެ ކަންތައްތައް ފުރިހަމަނުކޮށް ޕީޖީއަށް އެ މައްސަލަ ފޮނުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
އެ މާއްދާގައި ބަޔާންކޮށްފައި ވަނީ އިމްތިޔާޒު ކޮމެޓީން މައްސަލައެއް ބެލުމަށް ފަހު އެކަން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ރައީސަށް ހުށަހަޅަން ޖެހޭނެ ކަމަށާއި ރިޕޯޓް ލިބޭ ދުވަހުން ފެށިގެން އެންމެ ފުރަތަމަ ބޭއްވޭ މަޖިލީހުގެ ޖަލްސާއަކަށް ރިޕޯޓް ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަމަލުކުރަން ޖެހޭނީ އެކަމުގައި މުޅި މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.
"މަޖިލީހުގެ ގަވާއިދުގެ ދަށުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ނުކުރެވި ފޮނުވިފައި އެވަނީ. މިކަންތައްތައް ފުރިހަމަ ނުކޮށް ރިޕޯޓް ނުފޮނުވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ކޮމިޝަނަރު ރިޔާޒުގެ މައްޗަށް ފިޔަވަޅުއަޅަން ޕީޖީ އަށް ފޮނުވުމަށް އިމްތިޔާޒު ކޮމެޓީން ނިންމީ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ފުލުހުން ހައްޔަރުކުރީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ރ. އާ ހިލާފަށް ކަމަށް ވާތީ ރިޔާޒުގެ އެ އަމުރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށް ބުނެ އެވެ.
މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގައި ބުނަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ވަގުތެއްގައި މަޖިލީހުގެ މެންބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ. އެ މާއްދާ ބާތިލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ. އެ މެންބަރުން ދޫކޮށްލުމުގެ މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފުކުރަމުން އެދިފައި ވަނީ މަޖިލީހުގެ ގަވާއިދުގެ އެ މާއްދާ ބާތިލްކޮށް އެ މެންބަރުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.
ފުލުހުން ބުނަނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާން ޖެހޭ ކަމަށާއި އަދި ކުށުގެ ވެށިން ކޮންމެ މީހަކު ވެސް ހައްޔަރުކުރެވޭނެ ކަމަށެވެ.