ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ގޮތުން ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސުޕެޝަލް އެޑްވައިޒަރުކަން ކުރެއްވި އިބްރާހިމް ހުސެން ޒަކީ އިންޑިއާގެ ބައެއް ނޫސްތަކުގައި ދައްކަވަމުން ގެންދާ ވާހަކަތަކާއި ދެކޮޅަށް ޕީޕީއެމުން މިމަހުގެ 26ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ރައީސް މައުމޫނުގެ ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ކުރަން އެއްވެސް މީހަކަށް ޕީޕީއެމް އިން ފުރުސަތު ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޒަކީގެ ވާހަކަތަކުން ދޭހަވަނީ އިންޑިއާއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖެއަށްއަރާ ރާއްޖެ އަޅުވެތިކުރަން ކަމަށާއި، ނަމަވެސް އެގައުގެ ސަރުކާރަކީ ރާއްޖެއާ މެދު އެފަދަ ވިސްނުމެއް ގެންގުޅޭނެ ބައެއްނޫން ކަމަށެވެ. ވަހީދު ވިދާޅުވީ ޒަކީގެ ވާހަކަތަކުން އެފަދަ ކަމަކަށް ދަހިވެތިވެފައި ތިބި ބަޔަކަށް އެ ދެވުނީ ދައުވަތު ކަމަށެވެ.

"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މި ކަމާއި ގުޅިގެން މިމުޒާހަރާ ކުރިއަށް ގެންދާނަން. ޕީޕީއެމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭފަދަ އެއްވެސް ކަމެއް ކުރާކަށް ފުރުސަތެއް ނުދޭނަން. ޕީޕީއެމްގެ މޮޓޯއަކީވެސް [އެންމެ ފުރަތަ ދިވެހި ގައުމު]. ޒަކީގެ ވާހަކަތަކުން ހީވާ ކަހަލަ އިންޑިއާގެ ސަރުކާރުން އަބަދުވެސް ރާއްޖެ އަތުލަން މަސައްކަތްކުރަމުން ދާހެން. އެކަމަކު އެފަދަ އެއްވެސް އަމަލެއް އިންޑިއާ ސަރުކާރަކުން ނުކުރާނެ،" ވަހީދު ވިދާޅުވި އެވެ.

ބޭސްފަރުވާއަކަށް އިންޑިއާގައި މިހާރު ހުންނެވި ޒަކީ އިންޑިއާގެ ނޫސްތަކަށް ވިދާޅުވެފައި ވަނީ ޖީއެމްއާރު ބޭރުކުރުމަށް މިހާރު ހިންގާ ހަރަކާތްތަކަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބަޔަކު ހިންގަމުން ގެންދާ ހަރަކާތްތަކެއް ކަމަށާއި އެމްޑީޕީން ވެރިކަމުގައި ތިބި ނަމަ ޖީއެމްއާރުގެ ހިމާޔަތުގައި އިންޑިއާގެ ސިފައިން މިހާރު ރާއްޖެގެނައީސް ކަމަށެވެ.