24 Nov 2012, 15:34
ރާއްޖޭގައި އެ އިރެއްގައި އޮންނަ ސަރުކާރު ގަބޫލުނުކުރާ ކަމަށް ކައުންސިލަކުން ކަނޑައަޅައިފި ނަމަ، އެ ނިންމުން ނިންމި ވަގުތުން ފެށިގެން އެ ކައުންސިލެއް އުވާލެވޭ ގޮތަށް ދިވެހި ރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރިޔާޒް ރަޝީދު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.
ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތައް އުވާލެވޭ ސަބަބުތައް ބަޔާން ކުރާ 66 ވަނަ މާއްދާ އަށް އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ އެއްވެސް ކައުންސިލަކުން އެ އިރެއްގައި އޮންނަ ސަރުކާރު ގަބޫލުނުކުރާ ކަމަށް ބުނެ، ނުވަތަ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ކައުންސިލަކުން އަމިއްލަ އަށް ކަނޑައަޅައިފި ނަމަ އެ ކަނޑައެޅުމެއް ކަނޑައަޅާ ވަގުތުން ފެށިގެން އެ ކައުންސިލެއް އުވުނީ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ރިޔާޒް ހުށަހަޅުއްވި އިސްލާހުގެ ބިލުގައި ހަތަރު މާއްދާއަކަށް ނުވަ އިސްލާހު ހުށަހަޅުއްވާފައިވެ އެވެ. އެގޮތުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ކަނޑައަޅާފައިވާ 41 ވަނަ މާއްދާގައި އަމިއްލަ އިހްތިޔާރުގައި ސީޓީ ކައުންސިލްތަކުން ކުރަން ބާރު ދީފައިވާ ކަންތައްތައް ސަރުކާރުން ކަނޑައަޅާ ގޮތަކަށް ކުރުމަށް އިސްލާހު ހުށަހަޅުއްވާފައިވެ އެވެ.
ލާމަރުކަޒީ ގާނޫނީ 41 (ކ) އަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ ބިންބިމާއި ފަރާއި ފަޅުތައް ކައުންސިލްތަކާ ހަވާލު ކުރާނީ ސަރުކާރުން ކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެތަންތަން ބަޔަކަށް ކުއްޔަށް ދެވިދާނެ ކަމަށެވެ. އަދި މީހުން ދިރިއުޅުމަށް ސަރުކާރުން ހަވާލު ކުރާ ޕްރޮގްރާމްތައް ހިންގައި ބެލެހެއްޓާނީ ވެސް ސަރުކާރުން އަންގާ ގޮތެއްގެ މަތިން ކަމަށް އިސްލާހުގައިވެ އެވެ.
އެ މާއްދާގެ (ޏ)ގައި ބުނަނީ ސިޓީ ކައުންސިލްގެ ދާއިރާގައި ހިމެނޭ ޕާކްތަކާއި މައިދާންތައްކުގެ ތެރެއިން ކައުންސިލުން ބެލެހެއްޓޭނީ ސަރުކާރުން ކައުންސިލާ ހަވާލުކުރާ ތަންތަން ކަމަށެވެ.
އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ރ) ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ ރަށްތައް ގިރުން ހުއްޓުވުމާއި ބަނދަރާއި ބަނދަރުގެ ދޮށިގަނޑު ހަލާކުވުން ހުއްޓުވުމަށް ޓަކައި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން އެކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ސިޓީ ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަޅުއްވާފައިވާ އިރު، އެމްޑީޕީ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް ވަނީ ސަރުކާރު ގަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި ސިޓީ ކައުންސިލްތަކުން ކުރަމުން ގެންދާ ކަންތަކާ ގުޅިގެން ސަރުކާރާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ވެސް ރައްދުކޮށްފަ އެވެ.