21 Sep 2010, 04:16
09:52
އަޑިއަށްދިޔަ "ބަހާދުރު" ބޯޓަށް ލިބިފައިވާ ގެއްލުން ބެލުމުގެ ގޮތުން ސިފައިން، ފީނައިގެން ކުރި މަސައްކަތުން "ބަހާދުރު" ބޯޓުގެ އަޑިން ގާތްގަނޑަކަށް ހަތަރު އިންޗީގެ ފަސް ބާގަނޑެއް ފެނިފައިވާކަމަށް ނޮދަން އޭރިއާ އިން މައުލޫމަތު ދެއްވި އެވެ. މި މަސައްކަތުގައި އެ ރަށުގެ ރައްޔިތުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ފޫގޮސްފައިވާ ތަންތަނުގައި ފިލާޖެހުމުގެ މަސައްކަތް ސިފައިން މިހާރު ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ދެންމެ ވިދާޅުވީ ބޯޓު އަޑިއަށް ދާން މެދުވެރިވީ ކުޅުދުއްފުށީ ފަޅަށް ވަން ވަގުތު އަޑިން ގަލެއްގައި ޖެހިގެން ކަމަށެވެ. އެ ބޯޓުގައި އެވަގުތު 101 މީހަކު ތިބި ކަމަށް އެމްއެންޑީއެފްގެ އޮފިޝަލު ވިދާޅުވި އެވެ. އަދި އެމީހުން ވަގުތުން ފަޅާކައިރިކޮށް ކުޅުދުއްފުށްތަށް ބޭލި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެއިން މުދާ ހިފައިގެން ކުޅުދުއްފުއްޓަށްދިޔަ ބޯޓެއް ކުޅުދުއްފުށީ ފަޅުތެރެއަށް އަޑިއަށް ހިގައްޖެ އެވެ. އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށީގައި ދުއްވަމުން އަންނަ "ބަހާދަރު" ނަމަކަށްކިޔާ އެ ބޯޓު އަޑިއަށްދިޔައީ މާލެއިން މުދާ ހިފައިގެން ކުޅުދުއްފުށީ ނެރުން ވަންނަނިކޮށް، ނެރުމައްޗަށް އަރައި މިއަދު ހެނދުނު 7.15 ހާއިރު ކަމަށެވެ. ބޯޓަށް ދިޔައަރަން ފެށުމާ ގުޅިގެން ކުޅުދުއްފުށީ ޕޯސްޓްގެ ސިފައިންނާއި އެރަށުގައި ތިބި ފުލުހުންނާއި ރަށުގެ ރައްޔިތުން ދަނީ ބޯޓުގައި ހުރި މުދާތައް ބޭލުމުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ބޯޓު ނެރުމައްޗަށް އަރާ އަޑިއަށްދިޔުމާއި ގުޅިގެން އޭގައިހުރި ބައެއް މުދާތައް ހަލާކުވެފައިވާކަމަށާއި ކުޅުދުއްފުއްޓަށް މިހާރު ވެސް ވާރޭ ވެހެމުންދާތީ ބާލަމުންދާ ބައެއް މުދާތައް ވެސް ހަލާކުވަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ބޯޓަށް ދިޔައަރަން ފެށުމުން ކެރޭނެއް ބޭނުންކޮށްގެން ބޯޓްގެ ބައެއް ވަނީ ފެނުން މައްޗަށް ހިއްލާފައިކަމަށާއި، ތިން ޕަންޕު ބޭނުންކޮށްގެން މިހާރު ވެސް ބޯޓްގައި ހުރި ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ގާތްގަނޑަކަށް މަތީ ޑެކާ ހަމައަށް ދިޔަގަނޑު އަރާފައިވާ މިބޯޓް މިހާރު އޮތީ ކުޅުދުއްފުށީ ބަނދަރުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.