ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުން އަންނަ ޕްރައިވެޓް ހެލްތް އިންޝުއަރެންސް ސުކީމްތައް ހުއްޓާލަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް ހެލެތު އިންޝުއަރެންސް ފޯރުކޮށްދެނީ ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކަށް ލާރި ދައްކައިގެން ކަމަށާއި ނަމަވެސް ކޮންމެ ކުންފުންޏެއްގައި ވެސް މަސައްކަތް ކުރާ ދިވެހިންނަށް އާސަންދައިން ހިލޭ ބޭސްފަރުވާ ކުރެވޭ އިރު ޕްރައިވެޓް ކުންފުނިތަކުން މުވައްޒަފުން އިންޝުއާ ކުރުމަކީ ބޭކާރު ހަރަދެއް ކަމަށެވެ.

"ދައުލަތުގެ ބަޖެޓުން ކޮންމެ ދިވެހި ރައްޔިތަކަށް އިންޝުއަރެންސަށް ޕޭކުރެވޭ. އެހެންވާ އިރު ކުންފުނިތަކުގައި ގިނައީ ދިވެހި މުވައްޒަފުން. އެހެންވީމާ ޑަބަލްކޮށް އެބަ ފައިސާ ދެއްކޭ އެކަމަށް. އެހެންވީމާ ހަރަދު ކުޑަކުރުމުގެ ގޮތުން އެކަން ކުރަން ނިންމާފައިވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތަށް ހުރި އިންޝުއަރެންސް އެއްބަސްވުންތައް ކެންސަލް ކުރުމުގެ މަސައްކަތް އެންސްޕާ އިން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ފިނޭންސް މިނިސްޓްރީގެ އެންގުމާ އެކު ސަރުކާރުގެ ކުންފުނިތައް ކަމަށްވާ، ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް ނަގާފައިވާ ޕްރައިވެޓް އިންޝުއަރެންސް ކޮންޓްރެކްޓްތައް ވަނީ ޓާމިނޭޓްކޮށްފައިކަން އެ ކުންފުނިތަކުން ބުންޏެވެ.

މި އަހަރުގެ ޖެނުއަރީ މަހު ތައާރަފް ކުރި އާސަންދަ ސުކީމަކީ ކޮންމެ ދިވެއްސަކަށް 100،000ރ.ގެ ބޭސްފަރުވާ ހިލޭ ކުރެވޭ ނިޒާމެކެވެ. މިނިސްޓަރު ވިދާޅުވީ ޕްރައިވެޓް އިންޝުއަރެންސްތައް ކެންސަލް ކުރުމަކީ އޭގެ ސަބަބުން އާސަންދަ ނިޒާމަށް ވެސް އޭގެ ކުރި އެރުން ލިބި ދައުލަތުން ކުރާ ބޭކާރު ހަރަދު ކުޑަވެގެން ދާނެ ފިޔަވަޅެއް ކަމަށެވެ.

އެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެންސްޕާގެ އިސް އޮފިޝަލުންނަށް ފޯނުން ގުޅި ނަމަވެސް އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ އެ ބޭފުޅުންގެ ކޮމެންޓެއް އެކަމުގައި ލިބޭ ގޮތެއްނުވި އެވެ.