ސިނާއީ މަސައްކަތް ކުރާ، ކ. ތިލަފުށީގައި ގޭސް ކަޓަރެއް ބޭނުންކޮށްގެން ތެޔޮ ޓޭންކެއް ކެފުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ ޓޭންކް ގޮވައި ދެ މީހަކު މިއަދު ފިހިއްޖެ އެވެ. ފުލުހުން ކުރިން ބުނެފައިވަނީ އެދެމީހުންނަށް ގެއްލުންވީ ގޭސްފުޅިތަކެއް ގޮވައިގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 1:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ޒަހަމްވެފައިވަނީ އުމުރުން 48 އަހަރާއި 56 އަހަރުގެ ދެ ދިވެހިން ކަމަށާއި އެމީހުންނަށް މިހާރު އައިޖީއެމްއެޗް ގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ހާދިސާގައި ޒަހަމްވި ދެމީހުންގެ ތެރެއިން 48 އަހަރުގެ މީހާގެ އަތާއި ފައިގެ އިތުރުން ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާކަމަށް އެނާ ބެއްލެވި ޑޮކްޓަރު ބުނެފައިވާއިރު އެ ހާދިސާގައި ފިހުނު އުމުރުން 56 އަހަރުގެ މީހާގެ ފަޔާއި ބުމަ ކައިރިން ފިހިފައިވާކަމަށެވެ.

ފުލުހުން ބުނީ އެހާދިސާ ހިނގާފައިވަނީ އެރަށުގައި އޮތް ތެޔޮ އުފުލާ ބާޖެއްގައި ކަމަށެވެ. އަދި އެ މީހުން ފިހިފައިވަނީ ބާޖުގައި ތޮޔޮ ހުސްކޮށްފައި ހުރި ޓޭންކެއް ގޭސް ކަޓަރަކުން ކަފަން އުޅުމުގެ ތެރޭގައި އެޓޭންކް ގޮވައިގެންކަމަށެވެ.

ތިލަފުށީގައި ގޭސްފުޅިތަކެއް ގޮވާ ދެ މީހަކަށް ގެއްލުންވެފައިވާއިރު އެރަށަކީ މާލެ ކައިރި އޮންނަ ސިނާއީ މަސައްކަތްކުރާ ރަށެކެވެ. އަދި އެރަށަކީ އެސްޓީއޯގެ އިތުރުން ވިލާ ގޭސްގެ މައި މަރުކަޒު ހުންނަރަށެވެ.