އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ދެ ވަނަ ފަހަރަށް ރެއާލް މެޑްރިޑަށް ގެންދިއުމަށް ރެއާލް މެޑްރިޑުން ވިސްނަން ފަށައިފިއެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބެކަމް އެނބުރި އެކުލަބަށް ގެންނަން ބޭނުންވަނީ އެމްބެސަޑަރެއްގެ ގޮތުގަ އެވެ. މިކަމަށް ބެކަމް އެއްބަސް ކުރުވުމަށް ވާހަތައް ފަށައިފައިވާއިރު އަދި އިތުރަށް ކުޅެން ބޭނުންވާ ކަމަށް ބެކަމް ވަނީ ބުނެފަ އެވެ. މިހެންވެ ބެކަމް ކުޅުން ހުއްޓާނުލި ނަމަވެސް އޭނާގެ އެހީއަށް ޕެރޭޒް ބޭނުންވެ އެވެ. ސަބަބަކީ ބެކަމްގެ މަގްބޫލުކަމާއި މަޝްހޫރުކަމުގެ ފައިދާ ހޯދުމަށެވެ.

ބެކަމް ބުނީ ޕެރޭޒާއެކު އަބަދުވެސް ގާތްގުޅުމެއް އޮންނަ ކަމަށާއި ދެ ވަނަ ފަހަރަށް ރެއާލްގެ ރައީސްކަން ޕެރޭޒަށް ލިބުމުން މަރުހަބާ ކިޔަން ފޯނުވެސް ކުރި ކަމަށެވެ. ސަބަބަކީ ބެކަމް ރެއާލް އަށް ގެންދިޔަ މީހަކީ ޕެރޭޒް ކަމަށްވުމެވެ. ބެކަމްއާއެކު ރެއާލް އަށް ކުޅުނު ޒައިނުއްދީން ޒިދާނާއި ބްރެޒިލްގެ ރޮނާލްޑޯ އަކީ މިހާރު ރެއާލްގެ ދެ އެމްބެސްޑަރުންނެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ބެކަމް ކުޅުން ހުއްޓާލުމުން އޭނާ ހޯދުމަށް އިނގިރޭސިވިލާތާއި ބްރެޒިލް އަދި އޮސްޓްރޭލިޔާ އާއި ޗައިނާގެ ކުލަބުތަކުން ދަނީ މަސައްކަތްކުރަމުންނެވެ.