24 Nov 2012, 13:17
ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ހައްޔަރު ކުރުމަށްފަހު ކޯޓު އަމުރަށް ދޫކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރުމުން ހަނުހުރުމުގެ ހައްގުގެ ބޭނުން އޭނާ ކުރައްވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިއަދު ވިދާޅުވީ ބަނގުރާ ބުއިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް މިއަދު ހެނދުނު 10:30 ގައި ފުލުހުންގެ އިދާރާއަށް ޖާބިރު ހާޒިރުކޮށް ފުލުހުން ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ނުދެއްވައި ހަނުހުުރުމުގެ ހައްގު ބޭނުންކޮށްފައިވާ ކަމަށެވެ.
ފުލުހުން އާންމުކުރި ހޮނޑައިދޫ އޮޕަރޭޝަންގެ ވީޑިއޯއިން ފެންނަ ގޮތުގައި ހދ. ހޮނޑައިދޫން ޖާބިރު ހައްޔަރުކޮށް ފުލުހުުންގެ އޮފިސަރަކު އޭނާ އާ ސުވާލުކުރުމުން ނަމާއި އެޑްރެހާއި އުމުރު ވިދާޅުވުމަށް ފަހު ގާނޫނު އަސާސިން ލިބިދޭ ހަނުހުރުމުގެ ހައްގު ބޭނުންކުރެއްވީ ކަމަށް ވިދާޅުވެ އޭނާ އޭރުވެސް ފުލުުހުންގެ ސުވާލުތަކަށް ޖަވާބުނުދެއްވި އެވެ.
ޖާބިރު ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފަ އެވެ. އެ ކޯޓުން އެގޮތަށް ކަނޑައެޅީ ހެއްކާއި ގަރީނާ ހުރީ ފުލުހުންގެ އަތުގައި ކަމަށްވާތީ ޖާބިރަށް ހެކީންނަށް ނުފޫޒު ފޯރުވޭނެކަމަށް ނުފެންނަ ކަމަށް ބުނެ އެވެ.
ޖާބިރު ދޫކޮށްލި މައްސަލަ ދައުލަތުން ވަނީ ހައިކޯޓިގައި އިސްތިއުނާފު ކޮށްފަ އެވެ. ބުރާސްފަތި ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވަނީ ޖާބިރު ބަންދުން ދޫކޮށްލާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 202 (ރ) އާއި ހަވާލާދީ ކަމަށް ވާތީ އެއީ ގާނޫނު އަސާސީއާ ޚިލާފު މާއްދާއެއްކަމަށް ކަނޑައަޅައި އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދޭ ކަމަށެވެ. އަދި ހޮނޑައިދޫއަށް ފުލުހުން ދިޔުމުން ބަނގުރާ އަޅާފައި ހުރިކަމަށް ބެލެވޭ ތައްޓެއް ޖާބިރު އެއްލާލި މަންޒަރު ދުށް ހެކީން އެބަތިބި ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވެއެވެ.
ހޮނޑައިދޫން ޖާބިރު ހައްޔަރު ކުރިފަހުން އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ގާނޫނީ އިމުގެ ބޭރުން ރައީސްކަމާއި ހަވާލުވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް މަޖިލީހުގެ ޖަލްސާތަކުގައި ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ޖާބިރުގެ އެވާހާކަތަކާ ގުޅިގެން އޭނާ ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރުގެ މަގާމުން ވަކޮކޮށްދިނުމަށް އެދި އެޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ވަނީ ލީޑަރު ގާސިމް އިބްރާހިމަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.
ހޮނޑައިދޫން ހައްޔަރު ކުރި މަޖިލީހުގެ އަނެއް މެންބަރު ކަމަށްވާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު އިއްޔެ ރޭ ފުލުސް އޮފީހަށް ހާޒިރުކުރުމުން އޭނާވެސް ވަނީ ހަނުހުރުމުގެ ހައްގު އިހުތިޔާރު ކުރައްވައިފަ އެވެ.