24 Nov 2012, 13:16
މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން، ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކު މަޖިލީހުގެ ގަވާއިދާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ، ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާކޮށްދިނުމަށް އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މަޖިލީހުގެ އިދާރާ އިން ފޮނުވައިފި އެވެ.
އެ މައްސަލައިގައި ރިޔާޒުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އަށް އެންގުމަށް އިމްތިޔާޒު ކޮމެޓީން ފާސްކޮށްފައި ވަނީ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ހައްޔަރުކުރީ މަޖިލީހުގެ ގަވާއިދުގެ 220 ވަނަ މައްދާގެ ރ. އާ ހިލާފަށް ކަމަށްވާތީ އެ މެންބަރުން ހައްޔަރު ކުރުމަށް ރިޔާޒު ނެރުއްވި އަމުރަކީ ޣައިރު ގާނޫނީ އަމުރަކަށް ވާތީ ކަމަށް ކޮމެޓީގެ ނިންމުމުގައިވެ އެވެ.
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހަންމަދު ސަން އޮންލައިނަށް މިއަދު ވިދާޅުވީ ދެ މެންބަރަކު ހައްޔަރު ކުރުމާ ގުޅިގެން ރިޔާޒުގެ މައްޗަށް ދައުވާކޮށްދިނުމަށް އިމްތިޔާޒު ކޮމެޓީން ނިންމާފައިވާ ނިންމުމުގެ ރިޕޯޓް މިދިޔަ ހަފްތާގައި ޕީޖީ އަށް ފޮނުވާފައިވާނެ ކަމަށެވެ.
އެ ރިޕޯޓް މަޖިލީހުގެ އިދާރާ އިން ޕީޖީ އަށް ފޮނުވި އިރު ހޮނޑައިދޫން ހައްޔަރު ކުރި މަޖިލީހުގެ ދެ މެންބަރުން ކޯޓުން ދޫކޮށްލާފައިވާ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އަދި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއަހުންތައް އިއްޔެ ހައިކޯޓުގައި ބޭއްވި އިރު ދައުލަތުގެ ވަކީލާ އެދިވަޑައިގެންފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ރ. ބާތިލުކޮށް އެ މެންބަރުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.
މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގައި ބުނަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ވަގުތެއްގައި މަޖިލީހުގެ މެންބަރަކު ހައްޔަރުނުކުރެވޭނެ ކަމަށެވެ. އެ މާއްދާ ބާތިލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ.
އެ ދެ މެންބަރުން ހައްޔަރު ކުރުމާ އެކު އެ މެންބަރުން ދޫކޮށްލުމަށް މަޖިލީހުގެ ރައީސް ވެސް ފުލުހުންނަށް ހަމަ އެ ދުވަހު ވަނީ އަންގައިފަ އެވެ.
ފުލުހުން ބުނެފައި ވަނީ އެ މެންބަރުން ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށާއި އެ މެންބަރުން ވެސް ހައްޔަރު ކުރީ ފުލުހުންގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ކުށުގެ ވެށިން ފެންނަ ބަޔަކު ހައްޔަރުކުރުމަށް ފަހު އޭގެތެރެއިން ވަކި ބަޔަކު ދޫކޮށްލުމަކީ ގާނޫނު އަސާސީން ލިބިދޭ ހަމަހަމަ ކަމުގެ ހައްގާ ހިލާފުކަމެއް ކަމަށް ބުނެ ފުލުހުން އެ މެންބަރުން ދޫކޮށްފައެއް ނުވެ އެވެ. އެ ދެ މެންބަރުން ދޫކޮށްލީ ކުޅުދުއްފުށީ ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންނެވެ.