24 Nov 2012, 13:09
މަނޯ މެނޭޒް ގައުމީ ކޯޗުކަމުން ވަކިކޮށް، އެ މަގާމު ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ދިނުމުގެ ޝައުގުވެރިކަން ބްރެޒިލްއިން ފާޅުކޮށްފި އެވެ.
2014 ވަނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވާ ބްރެޒިލް ޓީމުގެ އާކޯޗު އިއުލާނުކު ކުރާނީ އަންނަ ޖެނުއަރީ މަހު ކަމަށް އެ ގައުމުގެ ފެޑަރޭޝަނުން ވަނީ ހަމަޖައްސައިފަ އެވެ.
ބާސެލޯނާ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު ގާޑިއޯލާ މިވަގުތު ދިރިއުޅެމުންދަނީ އެމެރިކާގަ އެވެ. ބްރެޒިލްގެ އިތުރުން އޭނާ އަށް ޝައުގުވެރިވާ އަނެއް ފަރާތަކީ އިނގިރޭސިވިލާތުގެ ޗެލްސީ އެވެ. އެއީ އަންނަ އަހަރު ޓީމުގެ ކޯޗުކަން އޭނާއާ ހަވާލު ކުރުމަށެވެ.
ބްރެޒިލްގެ ކޯޗުކަމުން ވަކިކުރި މެނޭޒްގެ އެޖެންޓް ބުނީ މިވަގުތަކީ ކޯޗު ބޭރުކޮށްލަންވީ ވަގުތެއް ނޫން ކަމަށާއި ނަމަވެސް އާގޮތްތަކެއް ބޭނުންވުމުން މި ނިންމުމަކީ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަމިއްލަ އަށް ކަމަށެވެ. އަދި އެނިންމުމަށް އިހްތިރާމް ކުރާ ކަމަށެވެ.
ގާޑިއޯލާގެ އިތުރުން ބްރެޒިލްގެ ކޯޗުކަމަށް ދެން ޝޯޓްލިސްޓް ކޮށްފައިވާ އަނެއް ކޯޗަކީ 2002 ވަނަ އަހަރު ވޯލްޑް ކަޕް އެ ގައުމަށް ކާމިޔާބުކޮށްދިން ލުއިސް ފިލިޕޭ ސްކޮލާރީ އެވެ. އޭނާ އަށް ތާއީދުކޮށް ބްރެޒިލްގެ ކުރީގެ އެއްވަނަ ފޯވަޑް ރޮމާރިއޯ ވަނީ ވާހަކަ ދައްކައިފަ އެވެ.