24 Nov 2012, 11:55
އެމްޑީޕީގެ ވެރިކަމެއްގައި ޖީއެމްއާރުގެ ހިމާޔަތުގައި އިންޑިއާގެ ސިފައިން ރާއްޖެ ގެންނާނެ ކަމަށް ބުނެ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސްޕެޝަލް އެޑްވައިޒަރުކަން ކުރެއްވި އިބްރާހިމް ހުސެން ޒަކީ ދެއްކެވި ވާހަކަތަކަށް ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ކ. ތުލުސްދޫގައި ހިންގި އަމާން ރަށްވެހިކަމާއި ބެހޭ މަސައްކަތު ބައްދަލުން ނިންމުގެ ގޮތުން ރޭ އެ ރަށުގައި ބޭއްވި ރަސްމީޔާތުގައި މިނިސްޓަރު ޖަމީލް ވިދާޅުވީ ރާއްޖެ އަށް އިންޑިއާގެ ސިފައިން ގެންނާނެ ކަމަށް ވިދާޅުވެ ޒަކީ ދެއްކެވި ވާހަކަތަކީ ތިނެއް ނޮވެމްބަރު 1988ގައި "ވަސަންތީ" އިސްކޮށް ހުރެގެން ރާއްޖެ އަށް ހަމަލާ ދިނުން ފަދަ ކަމެއް ކަމަށެވެ. އެ ވާހަކަތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާދަތަށް ގެއްލުން ދެވޭނީ ހަމަ އެކަނި ހަތިޔާރު ހިފައިން އައިސް ނޫން ކަމަށާއި ދުލުން ބޭރުކުރާ ބަސްތަކަކުން ވެސް ގައުމުގެ ސިޔާސަދަތާއި މިނިވަންކަމަށް ގެއްލުން ދެވިދާނެ ކަމަށެވެ.
"އެކަހަލަ ވައްތަރުގެ ވަސަންތީ މިއަދު ވެސް އެބަ އުޅޭ. ރާއްޖޭގެ ސިޔާދަތައް ގެއްލުން ދޭން މިއަދު ބޭނުން ވަނީ ހަމަ އެކަނި ކަނޑިބަޑި ނަގައިގެން އެކަންޏެއް ނޫން. އަނގައިން ބޭރުކުރާ ބަސްތަކަކީ އެއީ ހަމަ ވަސަންތީ ދިން ހަމަލާތަކަށް ވުރެ ކުޑަ ހަމަލާތަކެއް ނޫން. ރާއްޖެ އިން ބޭރަށް ގޮސްފައި ރާއްޖެ އިން ބޭރުގެ ސިފައިން ގެންނަ ވާހަކަ ދެއްކުމާއި. ރާއްޖޭގައި ތިމަންނަމެން [ވެރިކަމުގައި] ތިބި ނަމަހީ ވަކި ބައެއްގެ ވިޔަފާރި ހިމާޔަތް ކުރަން ވާހަކަ ދެއްކުމަކީ އެއީ ވަސަންތީމެން ކުރާނެ ކަންތައްތައް،" މިނިސްޓަރު ވިދާޅުވި އެވެ.
ބޭސްފަރުވާއަކަށް އިންޑިއާގައި މިހާރު ހުންނެވި ޒަކީ އިންޑިއާގެ ނޫސްތަކަށް ވިދާޅުވެފައި ވަނީ ޖީއެމްއާރު ބޭރުކުރުމަށް މިހާރު ހިންގާ ހަރަކާތްތަކަކީ ދީނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ބަޔަކު ހިންގަމުން ގެންދާ ހަރަކާތްތަކެއް ކަމަށާއި އެމްޑީޕީން ވެރިކަމުގައި ތިބި ނަމަ ޖީއެމްއާރުގެ ހިމާޔަތުގައި އިންޑިއާގެ ސިފައިން މިހާރު ރާއްޖެގެނައީސް ކަމަށެވެ.
ޖަމީލް ވިދާޅުވީ އެފަދަ ވާހަކަތަކުން ރާއްޖޭގެ ސިޔާދަތައް ގެއްލުންދޭން ބަޔަކު މަސައްކަތް ކުރި ނަމަވެސް ރާއްޖޭގެ ސިފައިން ތިބީ ސާބިތު ކަމާއި އެކުގައި ކަމަށާއި ދިވެހި ސިފައިންގެ އަޒުމަށް އެފަދަ ވާހަކަތަކުން ގުޑުމެއް އަރުވައެއް ނުލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ތިނެއް ނޮވެމްބަރުގައި ރާއްޖެ އަށް ހަމަލާދިން ޖަމާއަތުގެ އިސްކޮށް ތިބި މީހުން ދިވެހި ސިފައިންގެ ހިތްވަރުން އެދުވަހު މަރާ ލެވުނު ނަމަވެސް އެ ބަވާތުގެ އެފަދަ މީހުން ރާއްޖޭގައި އަދި އުޅެމުންގެންދާ ކަމަށެވެ.
"އެކަމު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ރާއްޖޭގެ ސަލާމަތީ ބާރުތައް ވަރަށް ސާބިތުކަމާ އެކު އެބަތިބި. ސަރުކާރު ސާބިތުކަމާ އެކު އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އެވާހަކަތަކަށް ރައްދުދެއްވި އިރު ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒަކީގެ އެ ވާހަކަތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.