ވަގަށްނަގާ ވެހިކަލްތައް އެއް ރަށުން އަނެއް ރަށަށް ގެންގޮސް ދުއްވަމުންދާތި އެކަން ހުއްޓުވުމުގެ ގޮތުން ކޮންމެ ރަށެއްގައި ދުއްވާ ވެހިކަލްތައް ވެސް ވަކި އުސޫލެއްގެ މަތިން މޮނީޓާކޮށް ކޮންމެ ރަށަކަށް ވަކި ވެހިކަލް އަކުރެއް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް ދުއްވާ ވެހިކަލްތައް އެނގޭނެ ގޮތެއް ހެދުމަށް ނިންމާފައި ވަނީ ނަންބަރު ބޯޑަށް ބަދަލު ގެނެސް އަކުރެއް އިތުރުކޮށްގެން ކަމަށެވެ. އަދި އެ ބަދަލުތަކާ އެކު މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަމަލުކުރަން ފެށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަންނަވަނީ ކޮންމެ ރަށަކަށް ގެންގޮސް ރަޖިސްޓުރީކުރަން ޖެހޭނެ ވާހަކައެއް ނޫން. ނަމަވެސް ކޮންމެ ރަށެއްގައި ވެސް ވެހިކަލް ދުއްވޭނީ އެ ރަށެއްގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން، ދެން ނަންބަރު ބޯޑުން އެނގޭނެ އެ އުޅަނދަކީ ކޮން ރަށެއްގައި ދުއްވާ އުޅަނދެއްކަން،" ނާފިޒް ވިދާޅުވި އެވެ.

ނާފިޒް އިތުރަށް ވިދާޅުވީ މިހާރަށް ވުރެ ކޮލެޓީ ރަނގަޅު ނަންބަރު ބޯޑްތައް ތައާރްކުރުމާއި އޮންލައިންކޮށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމާއި ވެހިކަލް ކޮންމެ ތަނަކު ހުރި ނަމަވެސް އެ ހުރިތަނެއް ބަލައިލެވޭނެ ސޮޕްޓުވެއާއެއް ތައާރަފްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ދާތީ އެ މަސައްކަތްތަކުގެ އިތުރު ތަފްސީލެއް ވިދާޅެއްނުވެ އެވެ.