24 Nov 2012, 11:32
ރާއްޖޭގައި މޯބައިލްގެ ފޯނުގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު 500،000 އަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.
ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަސް ނިމުނު އިރު މޯބައިލް ހިދުމަތަށް ސަބްސްކްރައިބްކޮށްފައިވާ މީހުންގެ އަދަދު ހުރީ 548،526 ގަ އެވެ. ނަމަވެސް ސެޕްޓަމްބަރު މަސް ނިމުނު އިރު އެ އަދަދު ހުރީ 545،513 ގަ އެވެ. އޭގެ ތެރެއިން 476،986 މީހުން ޕްރީޕެއިޑްގެ ހިދުމަތްތަކަށް ސަބްސްކްރައިބް ކޮށްފައިވާ އިރު 71558 މީހުން ޕޯސްޓްޕެއިޑަށް ސަބްސްކްރައިބް ކޮށްފައިވެ އެވެ.
މޯބްލައިލް ބްރޯޑްބޭންޑް ނޫނީ މޯބައިލް އިންޓަނެޓްގެ ހިދުމަތްތައް ބޭނުން ކުރާ މީހުންގެ އަދަދު ވެސް ވަނީ އެ މުއްދަތުގައި އިތުރުވެފަ އެވެ. މިދިޔަ މަސް ނިމުނި އިރު މޯބައިލް ބްރޮޑްބޭންޑް ކަސްޓަމަރުންގެ އަދަދު ވަނީ 76349 އަށް އަރައިފަ އެވެ. އޭގެ ކުރިން އެ އަދަދު ހުރީ 75269ގަ އެވެ.
ރާއްޖޭގެ މޯބައިލް ޓެލެޑެންސިޓީ ނޫނީ މޯބައިލްގެ ހިދުމަތްތަކަށް އެކްސެސްކުރެވޭ މީހުންގެ ނިސްބަތް ވަނީ 168.71 އަކަށް އަރައިފަ އެވެ. އެ އަދަދު ކުރިން ހުރީ 167.8 ގަ އެވެ. މޯބައިލް ޓެލެޑެންސިޓީ އަކީ ގައުމުގެ އުފެއްދުންތެރިކަން ވަޒަން ކުރުމުގައި ވެސް ބައެއް ގައުމުތަކުގައި ބޭނުން ކުރާ މިންގަނޑެކެވެ.
އަދި ފިކްސްޑް ބްރޮޑްބޭންޑް ހިދުމަތް ހޯދާ މީހުންގެ އަދަދު ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި 186187 އަށް އިތުރުވެފަ އެވެ. ނަމަވެސް ފިކްޑް ލައިންގެ ފޯނުގެ ހިދުމަތް ހޯދާ މީހުންގެ އަދަދު ވަނީ 24344 އަކަށް ވެއްޓިފަ އެވެ. އެއާ އެކު ފިކްސްޑް ލައިންތަކުގެ ޓެލެޑެންސިޓީ ވަނީ 7.49 އަކަށް ވެއްޓިފަ އެވެ.
ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް އެންމެ ފުޅާކޮށްދޭ ދެ ކުންފުންޏަކީ ދިރާގާއި ވަތަނިއްޔާ އެވެ. އަދި އޭގެ އިތުރުން އިންޓަނެޓްގެ ހިދުމަތް ދިނުމުގައި އާރުއޯއެލް ވެސް ހަރަކާތްތެރިވެ އެވެ.