މޯލްޑިވްސް ގޭމް ފިޝިންގް އެސޯސިއޭޝަންއިން އިންތިޒާމް ކޮށްގެން ބާއްވާ، މޯލްޑިވްސް ގޭމް ފިޝިންގް ޗެލެންޖް 2012، މިއަދު ފަށައިފި އެވެ.

މި މުބާރާތަކީ، މޯލްޑިވްސް ގޭމް ފިޝިންގ އެސޯސިއޭޝަންއިން އިންތިޒާމް ކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ އިންޓަރނޭޝަނަލް މުބާރާތެކެވެ. އަދި މި މުބާރާތަކީ، އެ އެސޯސިއޭޝަން އުފެދުނު ފަހުން ބާއްވާ ދެވަނަ މުބާރާތްވެސް މެއެވެ. މިމަހުގެ 23-26އަށް ކުރިއަށްގެންދާ ހަތަރުދުވަހުގެ މި މުބާރާތް ކުރިއަށްގެންދާނީ ބަނޑޮސް ރިޒޯޓް އެންޑް ސްޕާގައެވެ.

މޯލްޑިވްސް ގޭމް ފިޝިންގް ޗެލެންޖް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިންގެވުމާއި ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ނައިބު، މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ރާއްޖެ އެނގިފައި އޮންނަނީ ހަނީމޫން މަންޒިލެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެފަދަ އިވެންޓް ތަކުގެ ސަބަބުން އެނގިގެން ދަނީ ރާއްޖެއަކީ ހަނީމޫން އާއި، ޑައިވިން އަދި ސްނޯކަލިންގް ގެ އިތުރުން، ރިކްރިއޭޝަނަލް ފިޝިންއަށް ވެސް ރަނގަޅު މަންޒިލެއްގެ ގޮތުގައި ކަމަށެވެ.

"ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް 40 އަހަރު ފުރިގެން އެކަން ފާހަގަ ކުރަމުން ދާއިރު މިފަދަ އާ މާކެޓްތަށް ރާއްޖެއަށް އައުން ވެގެންދާނީ، ރާއްޖެއަށް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްވެގެން މި ދާ ދިއުން އިތުރަށް ހަރުދަނާވެ، ރާއްޖެއަށް މުޅިން އާވައްތަރެއްގެ ފަތުރުވެރިންތަކެއް އަންނާނެ ކަމެއްގެ ގޮތުގައި،"

މަލީހު އިތުރަށް ވިދާޅުވީ، ދިވެހި އެކި އެކި ޖަމިއްޔާ އަދި ރިޒޯޓް ތަކުން ބާއްވާ މިފަދަ އިވެންޓް ތަކުގެ ސަބަބުން، އިވެންޓާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް އައުން ވެގެންދަނީ، ދުނިޔޭގެ ފަތުރުވެރިންގެ ޗާޓުގައި ރާއްޖޭގެ ނަން އެހެން ގޮތަކަށް ލިޔެވިގެން ދާނެ ކަމެއް ކަމަށާއި އެއީ އަޅުގަނޑުމެން އުފާކުރަން ޖެހޭ ކަމެއް ކަމުގައެވެ. އަދި ވިދާޅުވީ ރާއްޖެއަކީ 99 އިންސައްތަ ކަނޑު އޮންނަ ޤައުމަކަށް ވުމުން، ކަނޑުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރަންޖެހޭ ކަމަށާއި، ފިޝިންގް ކޮމްޕެޓިޝަނެއްގެ ސަބަބުން ދުނިޔޭގެ ފިޝިންގް ކޮމިއުނިޓީގައި ދިވެހި ރާއްޖެ މަންޒިލެއްގެ ގޮތުގައި ލިޔެވިގެން ދާނެ ކަމަށެވެ. އަދި މޯލްޑިވްސް ގޭމް ފިޝިންގް އެސޯސިއޭޝަންއިން އަމިއްލައަށް އިސްނަގައިގެން މިފަދަ އިވެންޓެއް ބާއްވާތީ އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށާއި، މިކަމުގައި ސަރުކާރުން ވެދެއް ވެން އޮތް ހުރިހާ އެހީ އެއް ވެދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މޯލްޑިވްސް ގޭމް ފިޝިންގ އެސޯސިއޭޝަންއިންގެ ވައިސް ޕްރެޒިޑެންޓް، އަލްފާޟިލް އަޙްމަދު ނަޒީރު ވިދާޅުވީ އެ މުބާރާތް ބޮޑަށް އަމާޒު ކުރަނީ ބޭރުން އަންނަ ފަތުރުވެރިންނަށް ކަމަށާއި، އެހެން ނަމަވެސް އެ މުބާރާތް ރާއްޖޭގައި ތަޢާރަފް ވެގެންދާ ދުވަސްވަރު ކަމުން، ބޭރުމީހުން އެހާގިނައިން ބައިވެރި ނުވިޔަސް، ދިވެހިންގެ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ. މީގައި ބައިވެރިވާ ގިނަ ޓީމްތަކަކީ ރިޒޯޓް ތަކުން ބައިވެރިވާ ޓީމްތައް ކަމުގައި ވީނަމަވެސް އަމިއްލަ ފަރާތްތަކުން ވެސް ޓީމްތައް ބައިވެރި ކުރަމުން ގެންދާ ކަމަށެވެ. އަދި ފުރަތަމަ މުބާރާތުގައި 10 ވަރަކަށް ޓީމް ބައިވެރިވި އިރު މިއަހަރުގެ މުބާރާތުބައި 15 ވަރަކަށް ޓީމް ވާދަކުރާނެކަމަށެވެ.

މި މުބާރާތަކީ އިންޓަނޭޝަނަލް ގޭމް ފިޝިންގ އެސޯސިއޭޝަން (އައިޖީއެފްއޭ) އިން އެންޑޯޒް ކޮށްފައިވާ މުބާރާތަކަށްވުމުން، މި މުބާރާތުގައި އަމަލުކުރާނީ، އެ އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ގަވާއިދާ އެއްގޮތަށެވެ. އަދި ފަނޑިޔާރުކަން ކޮށްދެއްވާނީ ވެސް އައިޖީއެފްއޭއިން ގަބޫލުކުރާ ފަނޑިޔާރުންނެވެ.

މޯލްޑިވްސް ގޭމް ފިޝިންގ ޗެލެންޖް 2012ގެ ގޭމް އިވެންޓްތަށް ފަށާފައި ވަނީ މިއަދު ހެނދުނު 7:00ގައި މާލޭ ހަތް ނަމްބަރު ފާލަމުންނެވެ.