20:42


ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިން ލިބެމުން އައި "ހަމަ މުސާރައާއި އިނާޔަތްތައް" ހިމަނައިގެން އޮފީސްތަކުގެ ބަޖެޓު ތައްޔާރުކުރުމަށް ޕާމަނަންޓް ސެކްރެޓެރީންނަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އަންގައިފި އެވެ.


ގައުމަށް "ޚާއްސަ އިގްތިސާދީ ހާލަތެއް" މެދުވެރިވެފައިވާ ކަމަށް ބުނެ ސަރުކާރުން ވަނީ ސިވިލް ސަރވަންޓުންނަށް ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުން ދިހަ ޕަސަންޓާ ފަނަރަ ޕަސަންޓާ ދެމެދުގެ އަދަދެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުނިކޮށްފަ އެވެ. ނަމަވެސް، ތިން މަސްދުވަހުގެ މުއްދަތަކަށް ސަރުކާރުން ކުޑަކުރި އެ މުސާރައާއި އިނާޔަތްތައް ކުރިން ހުރި މިންވަރަށް އަނބުރާ ރުޖޫއަ ނުކުރާތާ މިވަނީ އަހަރެއްހާ ދުވަހެވެ.


ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ، ސިވިލް ސަރވަންޓުންނަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތައް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިން ހުރި މިންވަރަށް ސީއެސްސީން ރުޖޫއަކޮށް، މުވައްޒަފުންނަށް އެ މުސާރަ ހޯދައިދިނުމަށް ތަފާތު ގޮތްގޮތުން މަސައްކަތްކުރަމުންދިޔަ ނަމަވެސް، އެކަންތައް ވަނީ އަދި ކާމިޔާބުކުރެވޭ ގޮތް ނުވެފައި ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ ތެރެއިންނާއި ކޯޓުތަކުގެ ބޭރުން މި މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ސިވިލް ސަރވަންޓުންނަށް ވެސް ހަމަ މުސާރަ ލިބެންޖެހޭނެ ކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް ފާސްކުރާއިރު މުވައްޒަފުންނަށް ހަމަ މުސާރަ ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސަރުކާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މުސާރަ ކުޑަކުރުމުގެ ކުރިން، ސިވިލް ސަރވަންޓުންނަށް ލިބެމުން އައި މުސާރައާއި އިނާޔަތްތައް ހިމަނައިގެން އޮފީސްތަކުގެ 2011 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމަށް މިހާރު ޕާމަނަންޓް ސެކްރެޓަރީންނަށް ވެސް އަންގާފައިވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.


މީގެ އިތުރުން، ކޮމިޝަނުގެ މެމްބަރުންނާއެކު ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވެސް، ސިވިލް ސަރވަންޓުންގެ މުސާރަ ރުޖޫއަކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


ފަހުމީ ވިދާޅުވީ، ހައިކޯޓްގެ ފަނޑިޔާރުން ހަމަވީހާ އަވަހަކަށް މުސާރަ ރުޖޫއަ ކުރުމުގެ މައްސަލަ އެ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.