ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ގޮތުން ފޮެރެންސިކް ހެއްކާ ނުލައި ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިއްޖެ ކަމަށާާއި އަފްރާޝީމްގެ ގާތިލުން ހޯދިއްޖެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ.

ރައީސް ނަޝީދުގެ އަމިއްލަފުޅު ޓުއިޓާ އެކައުންޓްގައި މިއަދު ވިދާޅުވެފައި ވަނީ "ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ފޮރެންސިކް ހެއްކާ ނުލައި ދައްކާ ވާހަކައަކީ ސިޔާސީ ގޮތުން ދައްކާ ވާހަކައެއް" ކަމަށެވެ.

ޑރ. އަފްރާޝީމްގެ އުފަން ރަށް، ރ. އުނގޫފާރަށް ވަޑައިގެން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައި ވަނީ އަފްރާޝީމްގެ މަރުގެ ތަހުގީގަށް ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދިފައިވާ ކަމަށާއި ވަރަށް އަވަހަށް ދިވެހި ފުލުހުން އެކަން ހާމަކުރާނެ ކަމަށެވެ.

ރައީސް ވަހީދުގެ އެ ވާހަކަތަކަށް ފަހު ތުލުސްދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވިދާޅުވީ ޑރ. އަފްރާޝީމްގެ ގާތިލުން ހޯދިފައިވާ ކަމަށާއި އެ ތަހުގީގުގައި މުޖުތަމައު ކަންބޮޑުވާ ވަރުގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށެވެ. އަދި ޑރ. އަފްރާޝީމްގެ ގާތިލުން އިންސާފުގެ ކުރިމައްޗައް ހާޒިރުކުރާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަލީ ވަރަށް ވެސް ރަހުމު ކުޑަގޮތަކަށް އޭނާ ދިިރިއުޅުއްވާ ހ. ފުންވިލު ގޭގެ ސިޑިކައިރީގައި އަވަހާރަކޮށްލާފައި ވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުގެ ރޭގަ އެވެ. އެ މައްސަލައިގެ ތަހުގީގަށް އެއްކޮށްފައިވާ ފޮރެންސިކް ހެކިތައް ބެލުމުގައި އެފްބީއައި އާއި ސިންގަޕޫރު ފުލުހުންނާއި އެމެރިކާ ފުލުހުންގެ އެހީތެރިކަން ފުލުހުން ގެންދަނީ ހޯދަމުންނެވެ.

ޑރ. އަފްރާޝީމް މަޖިލީހުގައި ފުރުއްވި އުނގޫފާރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަން އަންނަ ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަނުން އިޢުލާންކުރުމާ ގުޅިގެން އެގޮނޑި އަށް ކުރިމަތިލާފައިވާ ފަރާތްތަކުން ގެންދަނީ ކެމްޕެއިން ކުރަމުންނެވެ.