24 Nov 2012, 10:27
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ބާއްވާ 46 ވަނަ ގައުމީ ކްރިކެޓް މުބާރާތް 2012ގެ ފުރަތަމަ މެޗްގައި ބައްދަލު ކުރަނީ މާލޭ ސްޕޯޓްސް ކްލަބާއި ހިންނަވަރު ހިރިޔާ އެވެ.
އިއްޔެ ހެނދުނު ފެށި މިމެޗްގައި، ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުޅެންއަރައި މެންދުރަށް ކުޅުން ހުއްޓާލި އިރު ވަނީ 42 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 124 ލަނޑު ހަދާފައިވެ އެވެ. އެންމެ ރަނގަޅަށް ކުޅުނީ 28 ލަނޑު ހެދި ޢަބްދުﷲ ޝާހިދު އާއި މަޙުމޫދު ރިޔާޒ ުއެވެ. މެންދުރަށް ހުއްޓާލި އިރު ކުޅެންތިބީ 25 ލަނޑު ހެދި ހަސަން ހާޒިގުއާއި 19 ލަނޑު ހެދި ރޯޝަން އެވެ.
މެންދުރު ފަހު 14:15ގައި ކުޅުންފެށިގެން މާލޭ ސްޕޯޓްސް އަށް 60 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވި އިރު ހެދިފައި ވަނީ 195 ލަނޑެވެ. މި އިނިންގްސް ގައިއެންމެ ރަނގަޅަށް ކުޅެފައި ވަނީ 65 ލަނޑު ހެދި ހަސަން ހާޒިގުއާއި 28 ލަނޑު ހެދި ޢަބްދުﷲ ޝާހިދާޢި މަހުމޫދު ރިޔާޒެވެ. ހިރިޔާޓީމުން އެންމެ ރަނގަޅަށް އުކާފައި ވަނީ 15 އޯވަރު ތެރޭގައި 39 ލަނޑަށް ހަތަރު ވިކެޓްނެގި މިހުސާން ހާމިދު އެވެ.
ޖަވާބުގައި ހިންނަވަރު ހިރިޔާ ކުޅެންއަރައި ދުވަހުގެ ކުޅުން ނިމުނު އިރު ހަ ކުޅުންތެރިން ނުބައިވެގެން 21 އޯވަރުގެތެރޭގައި ހެދިފައި ވަނީ 58 ލަނޑެވެ. މި އިނިންގްސްގައި މާލޭ ސްޕޯޓްސް ކްލަބުން އުކަންއެރި، މަހަފޫޒް، ރިޔާޒު ރޯޝަން އަދި ނީޝާމް މިއިން ކޮންމެ އުކުންތެރިޔަކު އެއްވިކެޓް ނަގާފައިވެ އެވެ.
މި މެޗްގެ ނުނިމި އޮތްބައި މިއަދު ހެނދުނުން ފެށިގެން ކުޅެމުންގެންދާނެ އެވެ.