ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާން، އެއްވެސް މީހަކު ދެކެ ޖެހިލުންވެ ބިރުގެންފައިވާ ނަމަ އެމީހަކީ އޭނާގެ 12 އަހަރުގެ އަންހެން ދަރިފުޅު ސުހާނާ ކަމަށް ޝާހްރުކް ޚާން ބުނެފި އެވެ. ސުހާނާ ބޭނުން ކަމެއް ކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ޝާހު ވަނީ ބުނެފަ އެވެ.

"އަހަރެންގެ ދަރީން އަހަންނާ ދިމާއަށް ހަޅޭއް ލިޔަސް އެއީ މާ ބޮޑު ކަމަކަށް އަހަންނެއް ނަހަދަން. އަހަރެންގެ ދަރީން އަބަދުވެސް އަހަންނާ ދިމާއަށް ހަޅޭއްލައި ހަދާ. އަހަރެން ކަންބޮޑުވަނީ ބޮޑު މީހަކު ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނުމުން. ނުވަތަ އިންޑިޔާގެ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފަށް ކަމެއް ކުރެވުމުން. އަހަރެން ގޭގައި ހޭދަ ކުރާ އިރު، ދަރީން ހިތްހަމަ ނުޖެހޭ ގޮތަށް ކަމެއް ކުރެވިއްޖެ ނަމަ، ނޫނީ ރޭގަނޑު ތަންކޮޅެއް ލަސްވާންދެން ކަމެއްގައި މަޝްއޫލުވެގެން ހުރެއްޖެ ނަމަ، އަހަރެންގެ ދަރިފުޅު ސުހާނާ އަހަންނާ ދިމާއަށް ވަރަށް ބާރަށް ހަޅޭއްލާނެ. ބައެއް ފަހަރު މީހަކު ބިރުން ފިތް ކަނޑައިގެންދާ ވަރަށް ވެސް ހަޅޭއްލަވާނެ." ޝާހުރުކް ބުންޏެވެ.

ޝާހްރުކް ޚާން ބުނާ ގޮތުގައި ސުހާނާ ދެކެ ޖެހިލުންވާ އެންމެ ބޮޑު ސަބަބަކީ، ކުޑަޔަސް އެ ކުއްޖާގެ އަޑު ވަރުގަދަ ކަމުންނެވެ. "އޭނާ އަކީ ކުޑަ ކުއްޖެއް. އެކަމަކު އަހަންނާ ދިމާއަށް ހަޅޭއްލާ އިރު ވަރަށް ވަރުގަދަ އަޑެއް އޭނާގެ އޮވޭ." އިންޑިޔާސް ޕްރައިމް އައިކަން އަށް މައުލޫމާތު ދެމުން ޝާހު ބުންޏެވެ.