24 Nov 2012, 10:21
ފަލަސްތީނުގައި ދިރިއުޅޭ އާންމު ރައްޔިތުނަށް އިސްރާއިލްގެ ސިފައިން ކުރަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލައި މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.
މޯލްޑިވްސް ފަލަސްތީން ބުރަދާހޫޑް އެސޯސިއޭޝަން އިން ބޭއްވި އެހިނގާލުން ފަށާފައި ވަނީ އިއްޔެ ހަވީރު 4:30 އެހާކަންހާއިރު މާފަންނު ސޯޝަލް ސެންޓަރު ކައިރިންނެވެ. އަދި އެހިނގާލުން ނިންމާލަފައި ވަނީ 5:45 އެހާކަންހާއިރު އާޓިފިޝަލް ބީޗަށެވެ. ހިނގާލުމުގައި ބައިވެރިވި މީހުންގެ އަދަދު މަދު ނަމަވެސް ދެ ޖިންސުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެހިނގާލުމުގައި ބައިވެރިވެފަ އެވެ.
އެހިގާލުން އިންތިޒާމްކުރި މޯލްޑިވްސް ފަލަސްތީން ބުރަދާހޫޑް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް އަބުދުލްﷲ ޝާކިރު މުހައްމަދު ސަން އޮންލައިނަށް އިއްޔެ ވިދާޅުވީ އެ ހިނގާލުމަކީ ފަލަސްތީންގައި އަނިޔާލިބެމުންދާ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އެންގުމުގެ ގޮތުން ބޭއްވި ހިނގާލުމެއް ކަމަށެވެ.
"އިސްރާއިލްގެ ސިފައިންގެ ފަރާތުން އަނިޔާ ލިބެމުންދާ ފަލަސްތީންގެ ރައްޔިތުންނާ އެކު އަޅުގަނޑުމެން ތިބިކަން ދައްކުވައިދިނުމަށް ޓަކައި ބާއްވާ ހިނގާލުމެއް މިހިނގާލުމަކީ،" ޝާކިރު ވިދާލުވި އެވެ.
އަދި ވިދާލުވީ ފަލަސްތީންގެ ރައްޔިތުންނާ އެކު ތިބިކަން އަންގައި ދިނުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އިއްޔެގެ އެއްވުން ފެށިގެން ކުރިއަށް ދިޔަ ވަގުތު ފަލަސްތީން ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އަންގައިދޭ ތަފާތުބެނާތައް ބޭނުން ކުރި އިރު ފަލަސްތީން ރައްޔިތުނަށް ލާއިންސާނީ އަނިޔާތައް ކުރުން ހުއްޓުވުމަށް ގޮވާ ޝުއޫރުފާޅުކޮށްފައިވެ އެވެ.