24 Nov 2012, 10:15
ފަލަސްތީނުގައި ދިރިއުޅޭ އާންމު ރައްޔިތުނަށް އިސްރާއިލްގެ ސިފައިންކުރަމުންދާ ލާއިންސާނީ އަމަލުތަށްހުއްޓުވުމަށް ގޮވާލާ މާލޭގައި އިއްޔެ ހިނގާލުމެއް ބާއްވައިފި އެވެ.
މޯލްޑިވްސް ފަލަސްތީން ބުރަދަހޫޑް އެސޯސިއޭޝަން އިން ބޭއްވި އެހިނގާލުން ފަށަފައިވަނީ އިއްޔެ ހަވީރު 4:30 އެހާއިރު މާފަންނު ސޯސަލް ސެންޓަރު ކައިރިންނެވެ. އަދި އެހިނގާލުން ނިންމާލަފައިވަނީ 5:45 އެހާއިރު އާޓިފިޝަލް ބީޗަށެވެ. ހިނގާލުމުގައި ބައިވެރިވި މީހުންގެ އަދަދު މަދު ނަމަވެސް ދެޖިންސުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެހިނގާލުމުގައި ބައިވެރިވެފަ އެވެ.
އެހިގާލުން އިންތިޒާމްކުރި މޯލްޑިވްސް ފަލަސްތީން ބުރޮދާހޫޑް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް އަބުދުލްﷲ ޝާކިރު މުހައްމަދު ސަން އޮންލައިނަށް ވިދާޅުވީ އެހިނގާލުމަކީ ފަލަސްތީނުގައި އަނިޔާލިބެމުންދާ ރައްޔިތުންނާއެކު ތިބިކަން އެންގުމުގެ ގޮތުން ބޭއްވި ހިނގާލުމެއް ކަމަށެވެ.
"އިސްރާއިލްގެ ސިފައިންގެ ފަރާތުން އަނިޔާ ލިބެމުންދާ ފަލަސްތީންގެ ރައްޔިތުނާއެކު އަޅުގަނޑުމެން ތިބިކަން ދައްކުވައިދިނުމަށްޓަކައި ބޭއްވި ހިނގާލުމެއް މިހިނގާލުމަކީ" ޝާކިރު ވިދާޅުވި އެވެ.
އަދި ވިދާލުވީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އިއްޔެގެ އެއްވުންފެށިގެން ކުރިއަށްދިޔަ ވަގުތު ފަލަސްތީން ރައްޔިތުންނާއެކު ދިވެހިންވެސް ތިބިކަން އަންގައިދޭ ތަފާތު ބެނާތައް ބޭނުންކުރިއިރު ފަލަސްތީން ރައްޔިތުނަށް ލާއިންސާނީ އަނިޔާތަށްކުރުން ހުއްޓުވުމަށް ގޮވާ ޝުއޫރުފާޅުކޮށްފައިވެ އެވެ.