ޤާހިރާ (ނޮވެމްބަރ 24): މިސްރުގެ ރިޔާސަތަށް ވެރިކަމުގެ އިތުރު ބާރުތައް ލިބޭ ގޮތަށް މިސްރުގެ ދަސްތޫރަށް ބަދަލުގެނައުމަށް ރައީސް މުޙައްމަދު މުރްސީ ނެރުއްވި ރިޔާސީ އަމުރާ ގުޅިގެން މިސްރުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި އެކަކު މަރުވެ 140 އަށް ވުރެ ގިނަމީހުން ޒަޚަމްވެއްޖެ އެވެ.

މުރްސީގެ ނިންމެވުމާ ދެކޮޅަށް ޤާހިރާ ގައާއި މިސްރުގެ އެކިކަންކޮޅުތަކުގައި އިޙްތިޖާޖް ކުރަމުންގެން ދަނީ މުރްސީ އާ އިދިކޮޅު މިސްރުގެ ވާދަވެރި ސިޔާސީ ޕާޓީތަކާއި ކުރީގެ ރައީސް ހުސްނީ މުބާރަކަށް ތާއީދުކުރާ ފަރާތްތަކާއި މަދަނީ ބައެއް ޖަމްޢިއްޔާ ޖަމާއަތްތަކުންނެވެ. މިއިޙްތިޖާޖްތަކުގައި ވާދަވެރި ސިޔާސީ ފަރާތްތަކުގެ އެކްޓިވިސްޓުން ވަނީ ސުވޭސްގައި ހުންނަ މުރްސީގެ ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ އޮފީހަށް އަރައިގެނެ އެތާނގައި ހުޅުޖަހާފަ އެވެ. އަދި މިޕާޓީ ނިސްބަތްވާ މިސްރުގެ ސިޔާސީ އެންމެ ބޮޑު ޖަމާއަތްކަމަށްވާ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ އޮހީސްތަކަށް ވެސް އިދިކޮޅޫ ޕާޓީތަކުގެ އެކްޓިވިސްޓުން ޙަމަލާދެމުން ގެންދާކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިސްރުގެ ރިޔާސަތަށް ވެރިކަމުގެ އިތުރު ބާރުތައް ލިބޭގޮތަށް ދަސްތޫރަށް ބަދަލުގެނައުމަށް މުރްސީ ނެރުއްވި ރިޔާސީ އަމުރުގައިވަނީ މިސްރުގެ ޕްރޮސެކިއުޓާރ ޖެނެރަލްއަކީ ރައީސުލްޖުމްހޫރިއްޔާ، ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ޢައްޔަން ކުރައްވާ ބޭފުޅަކަށް ހެދުމަށެވެ. ރިޔާސީ އަމުރާއެކު މުރްސީ ދަސްތޫރަށް މިގެންނެވި ބަދަލުގެ ސަބަބުން ޝަރުޢީ ދާއިރާގެ ކޮންޓްރޯލް މިސްރުގެ ރައީސްގެ އަތްމައްޗަށް ދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

މުރްސީ ވެރިކަމާ ޙަވާލުވެ ވަޑައިގަތުމުގެ ކުރިން މިސްރުގެ ވަގުތީގޮތުން ވެރިކަންކުރި ޢަސްކަރީ އެންމެ މަތީ މަޖިލީހުން ވަނީ މިސްރުގެ ރައްޔިތުންގެ މަޖިލިސް (ޕާލަމެންޓް) އުވާލާފަ އެވެ. އުވާލި ޕާލަމެންޓްގެ ވެސް އަޣްލަބިއްޔަތު އޮތީ ރައީސް މުރްސީ ނިސްބަތްވެ ވަޑައިގަންނަވާ ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީއަށެވެ. އަސްކަރީ މަޖިލީހުން ޕާލަމެންޓް އުވާލީ ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމުގައި ޤާނޫނު އަސާސީއާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށްބުނެ މިސްރުގެ ސްޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. މިސްރުގެ ސްޕްރީމް ކޯޓާއި އެނޫން ކޯޓުތަކުގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ދުވަސްވަރުގެ ބޭފުޅުން ކަމަށްބުނެ މުރްސީގެ ޕާޓީން އެދުވަސްވަރުވަނީ ޕާލަމެންޓް އުވާލި މައްސަލާގައި އިޙްތިޖާޖް ކޮށްފަ އެވެ.

ޕާލަމެންޓް އުވާލުމަށް މަގުފަހިކުރީ ޕާލަމެންޓްގެ އަޣްލަބިއްޔަތު މުރްސީ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީއަށް ލިބިފައިވާތީ ކަމަށް ވެސް އިޙްތިޖާޖްކުރި ފަރާތްތަކުން ބުނެފައިވެ އެވެ. މިސްރުގައި މިހާރު ޕާލަމެންޓެއް ނެތުމާއެކު އައު ޕާލަމެންޓެއް އިންތިޚާބު ކުރެވެންދެން ޤާނޫނު އަސާސީ އަށް ބަދަލުތައް ގެނައުމުގެ ވަގުތީ ބާރު ލިބިފައި ވަނީ މިސްރުގެ ރިޔާސަތަށް ކަމަށް ޤާނޫނީ ފަރާތްތަކުން ބުނެ އެވެ. މުރްސީ ވަނީ ރައީސް ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު އޭނާގެ ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގެން އޭނާއަކީ މިސްރުގެ ހުރިހާ ރައްޔިތުންގެ ރައީސެއް ކަމަށް އިޢްލާން ކުރައްވާފަ އެވެ.
މިސްރުގެ ރިޔާސަތަށް އިތުރު ބާރުތައް ލިބޭގޮތަށް ދަސްތޫރަށް ބަދަލުގެނައުމަށް މުރްސީ ނެރުއްވި ރިޔާސީ އަމުރާ އެކު މިސްރުގައި ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން މުސްރީ އިއްޔެ ވަނީ ރައްޔިތުންނާ މުޚާތަބުކުރައްވައި ޚިތާބެއް ދެއްވާފަ އެވެ. މިޚިތާބުގައި މުރްސީވަނީ އޭނާގެ ރިޔާސީ ބަޔާން ދިފާޢުކުރައްވާފަ އެވެ. މިސްރުގެ ރިޔާސަތަށް އިތުރު ބާރުތައް ލިބޭގޮތަށް ދަސްތޫރަށް ބަދަލުގެނައުމުގެ އަމުރު ނެރުއްވީ މިސްރުގެ ޤައުމީ މަސްލަޙަތު ޙިމާޔަތް ކުރުމަށާއި އަދާލަތުން ފިއްލަވައިގެން އުޅުއްވާ މިސްރުގެ ކުރީގެ މަސްއޫލުވެރިންގެ މައްޗަށް ޝަރީޢަތް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުންކަމަށް މުރްސީ ވިދާޅުވި އެވެ.

މިސްރުގެ މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ޢަބްދުލްމަޖީދު މަޙްމޫދަކީ މުބާރަކްގެ ދުވަސްވަރު ޢައްޔަންކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޕްރޮސެކިއުޓާ ޖެނެރަލް ކަމުގައި ހުންނެވިހާ ދުވަހަކު ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމުގެ ދުވަސްވަރު ޚިޔާނާތުގެ ޢަމަލުތަކާއި އަނިޔާވެރި ޢަމަލުތައް ހިންގަވާފައިވާ ފަރާތްތަކާ ދެކޮޅަށް ދަޢްވާ ނުކުރައްވާނެ ކަމަށާ މިކަން ކުރެވޭނީ އައު ޕްރޮސެކިއުޓާ ޖެނެރަލްއެއް ޢައްޔަންކޮށްގެން ކަމަށް ދޭހަވާ ގޮތަށް މުސްރީ ވަނީ ވާހަކަ ދައްކަވާފަ އެވެ.

މުސްރީ، މިސްރުގެ ދަސްތޫރަށް މިގެންނެވި ބަދަލާ ގުޅިގެން އޮޓަމެޓިކުން މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ޢަބްދުލްމަޖީދު މަޙްމޫދުގެ މަޤާމް ގެއްލި އެހެން ބޭފުޅަކު އެމަޤާމަށް އިޚްތިޔާރު ކުރުމުގެ ފުރްސަތު މުރްސީއަށް ލިބިވަޑައިގަންނަވާނެ އެވެ. މިފަދަ ޙާލަތެއްގައި މުބާރަކްގެ ދުވަސްވަރުގެ ކޮރަޕްޝަނާއި ޚިޔާނާތާއި ރައްޔިތުންނާ މެދު އަނިޔާވެރި ޢަމަލުތައް ހިންގުމަށް ފަހު ޢަދާލަތުން ފިއްލަވައިގެން އުޅުއްވާ ކުރީގެމަސްއޫލުވެރިންގެ މައްސަލަތައް ކޯޓުތަކުގެ ޝަރީޢަތުގެ މަޖިލީހަށް އައުމަށް މަގު ފަހިވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)