24 Nov 2012, 10:05
ގދ. ފަރެސްމާތޮޑާ ފަރެސް އަވަށު ސަހަރާގެ ވަށާފަރު ރޭނުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފާއިވާކަން ތަހުގީގަށް ސާބިތުވާތީ އެ ރަށު ކުރީގެ ކައުންސިލަރު އަހުމަދު އިމްތިޔާޒާއި އެ ރަށު އޭޕްރީލްގޭ މުހައްމަދު ޖާއިޒުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ސަހަރާގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ފުރަތަމަ އިއުލާނާ ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް ހައުސިން މިނިސްޓްރީ އަށް ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ މަސައްކަތް ހަވާލު ކުރުމަށް އެ މިިސްޓްރީން ފަރެސްމާތޮޑާ އޮފީހަށް އަންގާފައިވާ ކަމަށެވެ.
އޭސީސީން ބުނީ ހައުސިން މިނިސްޓްރީ އިން އެގޮތަށް އަންގާފައި ވަނިކޮށް ސަބަބެއް ބަޔާންނުކޮށް ދެވަނަ އިއުލާނެއް ކޮށްފައިވާ އިރު އެ އިއުލާނާ ގުޅިގެން އަންދާސީ ހިސާބުތަކަށް މާކްސް ދިނުމުގެ ކްރައިޓީރިއާ ކަނޑައަޅާފައި ވަނީ މާލިއްޔަތު ގަވާއިދާއި ޚިލާފަށް ކަމަށެވެ. އަދި ފަރެސްމާތޮޑާ އޮފީހުގައި އޮތް އަންދާސީ ހިސާބު ބަލާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމަށް ފަހު އެ ކޮމެޓީ އުވާލައި އަލުން އާ ކޮމެޓީއެއް ނަގާފައި ވަނީ އޭރުގެ ކައުންސިލަރު އިމްތިޔާޒު ކަމަށާއި އެ ކޮމެޓީ އެކުލަވާލުމުގެ ބޭނުމަކީ މަސައްކަތް ވަކި ބަޔަކަށް ދިނުމަށް މަގުފަހި ކުރުންކަމަށް ބެލެވޭ ހެކި ތަހުގީގަށް ލިބިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ފަހުން އެކުލަވާލި ކޮމެޓީގެ މެންބަރު ޖާއިޒު އަންދާސީ ހިސާބުތަކަށް މާކްސް ދިނުމުގައި ވަކިފަރާތަކަށް އެ މަސައްކަތް ދިނުމަށް މަސައްކަތްކޮށްފައިވާކަން ކައުންސިލަރު އިމްތިޔާޒަށް އެނގި ހުރެ އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި މަސައްކަތުގެ އަގު ފާސްކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވި އިރު އަންދާސީ ހިސާބުތަކާއި އަންދާސީ ހިސާބު ބަލާކޮމެޓީގެ ނިންމުމާ އެއާ ގުޅޭ ލިޔެކިޔުން ފޮނުވާފައި ނުވާތީ އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ޖާނާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.
"އެހެންކަމުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދައިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ފައިދާއެއް ހޯދާދީފައިވާތީ، ގދ. ފަރެސްމާތޮޑާ، އޭޕްރީލްގެ، މުހައްމަދު ޖާއިޒް އާއި ގދ. ފަރެސްމާތޮޑާ، ގާޑަންވިލާ، އަހުމަދު އިމްތިޔާޒުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާ ކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފަ އެވެ."