ޤާހިރާ (ނޮވެމްބަރ 24) : މިސްރުގެ ރިޔާސަތަށް ވެރިކަމުގެ އިތުރު ބާރުތައް ލިބޭގޮތަށް މިސްރުގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް ރައީސް މުހައްމަދު މުރުސީ ނެރުއްވި ރިޔާސީ އަމުރާ ގުޅިގެން މިސްރުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި އެކަކު މަރުވެ 140 އަށްވުރެ ގިނަމީހުން ޒަހަމްވެއްޖެ އެވެ.

މުރުސީގެ ނިންމެވުމާ ދެކޮޅަށް ގާހިރާގަ އާއި މިސްރުގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖް ކުރަމުންގެންދަނީ މުރްސީއާ އިދިކޮޅު މިސްރުގެ ވާދަވެރި ސިޔާސީ ޕާޓީތަކާއި ކުރީގެ ރައީސް ހުސްނީ މުބާރަކަށް ތާއީދުކުރާ ފަރާތްތަކާއި މަދަނީ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުންނެވެ. މި އިހްތިޖާޖުތަކުގައި ވާދަވެރި ސިޔާސީ ފަރާތްތަކުގެ އެކްޓިވިސްޓުންވަނީ ސުވޭސްގައި ހުންނަ މުރްސީގެ ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ އޮފީހަށް އަރައިގަނެ އެތާނގައި ހުޅުޖަހާފަ އެވެ. އަދި މިޕާޓީ ނިސްބަތްވާ މިސްރުގެ ސިޔާސީ އެންމެ ބޮޑު ޖަމާއަތްކަމަށްވާ އިޚުވާނުލްމުސްލިމީން ޖަމާއަތުގެ އޮހީސްތަކަށްވެސް އިދިކޮޅޫ ޕާޓީތަކުގެ އެކްޓިވިސްޓުން ހަމަލާދެމުން ގެންދާކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިސްރުގެ ރިޔާސަތަށް ވެރިކަމުގެ އިތުރު ބާރުތައް ލިބޭގޮތަށް ވެރިކަމުގެ ނިޒާމަށް ބަދަލުގެނައުމަށް މުރުސީ ނެރުއްވި ރިޔާސީ އަމުރުގައިވަނީ މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލްއަކީ ރައީސުލްޖުމްހޫރިއްޔާ، 4 އަހަރު ދުވަހުގެ މުއްދަތަށް އައްޔަން ކުރައްވާ ބޭފުޅަކަށް ހެދުމަށެވެ. ރިޔާސީ އަމުރާއެކު މުރްސީ ދަސްތޫރަށް މިގެންނެވި ބަދަލުގެ ސަބަބުން ޝަރުއީ ދާއިރާގެ ކޮންޓްރޯލް މިސްރުގެ ރައީސްގެ އަތްމައްޗަށް ދާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

މުރްސީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން މިސްރުގެ ވަގުތީގޮތުން ވެރިކަންކުރި އަސްކަރީ އެންމެ މަތީ މަޖިލީހުންވަނީ މިސްރުގެ ރައްޔިތުންގެ މަޖިލިސް (ޕާލަމެންޓް) އުވާލާފަ އެވެ. އުވާލި ޕާލަމެންޓްގެވެސް އަގުލަބިއްޔަތު އޮތީ ރައީސް މުރްސީ ނިސްބަތްވެ ވަޑައިގަންނަވާ ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީއަށެވެ. އަސްކަރީ މަޖިލީހުން ޕާލަމެންޓް އުވާލީ ޕާލަމެންޓްރީ އިންތިހާބު ބޭއްވުމުގައި ޤާނޫނު އަސާސީއާ ހިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ މިސްރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. މިސްރުގެ ސުޕްރީމް ކޯޓާއި އެނޫން ކޯޓުތަކުގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ދުވަސްވަރުގެ ބޭފުޅުން ކަމަށްބުނެ މުރުސީގެ ޕާޓީން އެދުވަސްވަރުވަނީ ޕާލަމެންޓް އުވާލި މައްސަލާގައި އިހުތިޖާޖް ކޮށްފަ އެވެ.

ޕާލަމެންޓް އުވާލުމަށް މަގުފަހިކުރީ ޕާލަމެންޓްގެ އަގުލަބިއްޔަތު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީއަށް ލިބިފައިވާތީ ކަމަށްވެސް އިހުތިޖާޖްކުރި ފަރާތްތަކުން ބުނެފައިވެ އެވެ. މިސްރުގައި މިހާރު ޕާލަމެންޓެއް ނެތުމާއެކު އާ ޕާލަމެންޓެއް އިންތިހާބު ކުރެވެންދެން ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމުގެ ވަގުތީ ބާރު ލިބިފައިވަނީ މިސްރުގެ ރިޔާސަތަށް ކަމަށް ގާނޫނީ ފަރާތްތަކުން ބުނެ އެވެ. މުރުސީ ވަނީ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާގެ ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގެން އޭނާ އަކީ މިސްރުގެ ހުރިހާ ރައްޔިތުންގެ ރައީސެއް ކަމަށް އިއުލާން ކުރައްވާފަ އެވެ.

މިސްރުގެ ރިޔާސަތަށް އިތުރު ބާރުތައް ލިބޭގޮތަށް ވެރިކަމުގެ ނިޒާމަށް ބަދަލުގެންނަން މުރުސީ ނެރުއްވި ރިޔާސީ އަމުރާއެކު މިސްރުގައި ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން މުރުސީ އިއްޔެ ވަނީ ރައްޔިތުންނާ މުހާތަބުކުރައްވައި ޚިތާބެއް ދެއްވާފަ އެވެ. މިޚިތާބުގައި މުރްސީވަނީ އޭނާގެ ރިޔާސީ ބަޔާން ދިފާޢުކުރައްވާފަ އެވެ. މިސްރުގެ ރިޔާސަތަށް އިތުރު ބާރުތައް ލިބޭގޮތަށް ބަދަލުގެނައުމުގެ އަމުރު ނެރުއްވީ މިސްރުގެ ގައުމީ މަސްލަޙަތު ހިމާޔަތް ކުރުމަށާއި އަދާލަތުން ފިއްލަވައިގެން އުޅުއްވާ މިސްރުގެ ކުރީގެ މަސްއޫލުވެރިން ގެ މައްޗަށް ޝަރީޢަތް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުންކަމަށް މުރުސީ ވިދާޅުވި އެވެ.

މިސްރުގެ މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ޢަބްދުލްމަޖީދު މަޙްމޫދަކީ މުބާރަކްގެ ދުވަސްވަރު ޢައްޔަންކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޕްރޮސެކިއުޓާ ޖެނެރަލް ކަމުގައި ހުންނެވިހާ ދުވަހަކު ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމުގެ ދުވަސްވަރުގެ ޚިޔާނާތުގެ ޢަމަލުތަކާއި އަނިޔާވެރި ޢަމަލުތައް ހިންގަވާފައިވާ ފަރާތްތަކާ ދެކޮޅަށް ދަޢުވާ ނުކުރައްވާނެ ކަމަށާއި މިކަން ކުރެވޭނީ އާ ޕްރޮސެކިއުޓާ ޖެނެރަލްއެއް ޢައްޔަންކޮށްގެން ކަމަށް ދޭހަވާގޮތަށް މުސްރީ ވަނީ ވާހަކަ ދައްކަވާފަ އެވެ.

މުސްރީ، މިސްރުގެ ވެރިކަމުގެ ނިޒާމަށް މިގެންނެވި ބަދަލާ ގުޅިގެން އޮޓަމެޓިކުން މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ޢަބްދުލްމަޖީދު މަޙްމޫދުގެ މަގާމް ގެއްލި އެހެން ބޭފުޅަކު އެމަގާމަށް އިހުތިޔާރު ކުރުމުގެ ފުރުސަތު މުރުސީއަށް ލިބިވަޑައިގަންނަވާނެ އެވެ. މިފަދަ ހާލަތެއްގައި މުބާރަކުގެ ދުވަސްވަރުގެ ކޮރަޕްޝަނާއި ހިޔާނާތާއި ރައްޔިތުންނާމެދު އަނިޔާވެރި އަމަލުތައް ހިންގުމަށްފަހު އަދާލަތުން ފިއްލަވައިގެން އުޅުއްވާ ކުރީގެ މަސްއޫލުވެރިންގެ މައްސަލަތައް ކޯޓުތަކުގެ ޝަރީއަތުގެ މަޖިލީހަށް އައުމަށް މަގު ފަހިވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)