24 Nov 2012, 09:42
އަދާކުރަމުން އަންނަ ވަޒީފާއެއް ގެއްލުމަކީ ކުއްލިއަކަށް މަރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމެއްކަން ކަމާބެހޭ އާ ދިރާސާ އަކުން ހާމަވެއްޖެ އެވެ.
އެމެރިކާގެ އިޖްތިމާއީ ސައެންސާ ބެހޭ ރީސާޗަރުންގެ ޓީމަކުން ކުރި ދިރާސާއަކުން ހާމަވާގޮތުގައި އަދާކުރަމުން ގެންދާ ވަޒީފާ ގެއްލުމަކީ ގިނަ މީހުންނަށް ގޮތް ހުސްވެ ހިތްދަތިވެ އެންމެފަހުން ހިތް ހުއްޓުމަށް މަގުފަހިވާ ކަމެކެވެ. މިގޮތުން އަދާކުރަމުން ގެންދާ ވަޒީފާ ގެއްލޭ މީހުންނަށް ހިތް ހުއްޓުުމުގެ ނުވަތަ ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އެ ނޫން މީހުންނަށްވުރެ ތިން ގުނައަށް އިތުރު ކަމަށާއި ވަޒީފާ ގެއްލުމުގެ އުދާސްތަކާއެކު ހިތް ހުއްޓިގެން މަރުވާ މީހުންގެ އަދަދު އެމެރިކާގައި ވަރަށް ގިނަކަން މިދިރާސާއިން ހާމަވެފައިވެ އެވެ.
އެމެރިކާގެ އުތުރު ކެރޮލައިނާގެ ޑިޔުކް ޔުނިވަރސިޓީގެ ރީސާޗަރުން ކުރި މިދިރާސާގައި އުމުރުން 51 އަހަރާއި 75 އަހަރުގެ 13500 މީހުން ބައިވެރިކޮށް އަށް އަހަރު ވަންދެން މި މީހުންގެ ހާލަތު ދިރާސާކޮށްފައިވެ އެވެ. މި 13500 މީހުންގެ ތެރެއިން 70 ޕަސެންޓް މީހުންނަކީ އެމީހުންގެ އުމުރުގައި ވަޒީފާގެއްލުުމުގެ ބިރާ ކުރިމަތިލާންޖެހުނު މީހުންނެވެ. 35 ޕަސެންޓް މީހުންނަކީ ވަޒީފާއެއް ނުލިބި ދިގުމުއްދަތެއް ހޭދަކޮށްފައިވާ މީހުންނެވެ. މިދިރާސާއިން ހާމަވެފައިވާ ގޮތުގައި މި 13500 މީހުންގެ ތެރެއިން ކޮންމެ 12 މީހަކަށް ފާއިތުވި އަށް އަހަރު ތެރޭގައި އެއްފަހަރު ނޫނީ ދެފަހަރު ވަނީ ހާޓްއެޓޭކް ޖެހިފަ އެވެ.
ވަޒީފާގައި ހަމަޖެހިގެން އުޅޭ މީހުންގެ ހާލަތު ތަފާތުކަން އެހެން ދިރާސާއަކުން ހާމަވެފައިވާއިރު މިކަންކަމުގެ މައްޗަށް ބުރަވެ އެމެރިކާގެ އުތުރު ކެރޮލައިނާގެ ޑިޔުކް ޔުނިވާސިޓީގެ ރީސާޗަރުން އެމީހުންގެ ދިރާސާ ގައި ބުނެފައިވަނީ ވަޒީފާ ގެއްލިފައިވާ މީހުންނާާއި ވަޒީފާ ނުލިބި އުޅެންޖެހިފައިވާ މީހުންނަށް ހާޓްއެޓޭކް ޖެހޭ ނިސްބަތް ވަޒީފާގައި އުޅޭމީހުންނަށްވުރެ 35 ޕަސެންޓް މަތިކަމަށެވެ. އަދި ވަޒީފާ ގެއްލުމުގެ ބިރާ ކުރިމަތިލާންޖެހޭ ފަހަރު ގިނަވި ވަރަކަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު އިތުރުވަމުންދާ ކަމަށާއި ހަތަރު ފަހަރު ވަޒީފާ ގެއްލިފައިވާ މީހުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު 63 ޕަސެންޓަށް އިތުރުވާނެ ކަމަށްވެސް މިދިރާސާކުރި ރީސާޗަރުން ހާމަކޮށްފައިވެ އެވެ. (ޑެއިލީ ޓެލެގްރާފް)